ވޮޝިންޓަން (09 ނޮވެމްބަރު) - އަފްޣާނިސްތާނަށް ވޯލްޑް ބޭންކުން ދެމުން އައި މާލީ އެހީތައް އަލުން ފެށުން ނާދިރު ކަމަށް އެ ބޭންކުގެ ރައީސް ޑޭވިޑް މެލްޕާސް ވިދާޅުވެއްޖެ އެވެ.
"މިވަގުތު އެގައުމުގެ އިގްތިސާދު އޮތް ހާލަތަށް ބަލާއިރު އެހީތައް އަލުން ފެށޭނެ ކަމަށް ބުނެވޭކަށް ނެތް،" ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްއަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ބުންޏެވެ.
ޑޭވިޑް އިތުރަށް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ އަފްޣާނިސްތާނަށް ލޯނުގެ ގޮތުގައި ދެވޭ އެހީ އަނބުރާ ދެއްކޭނެ ގޮތެއް އެ ގައުމަށް ލިބިފައި ނުވުން ކަމަށެވެ. އެގޮތުނު ލޯނު ދެއްކޭ ވަރަށް ބޭރު ފައިސާ އެގައުމުގެ އިގްތިސާދަށް ނުވަންނަ ކަމަށް ޑޭވިޑް ފާހަގަކުރި އެވެ.
ވޯލްޑް ބޭންކުން އަފްޣާނިސްތާނަށް ދެމުން އައި މާލީ އެހީތައް މެދުކަނޑާލީ މިދިޔަ އޮގަސްޓް މަހު ސަރުކާރު ވައްޓާލައި އެގައުމުގެ ވެރިކަމަށް ތާލިބާނުން ވެރިވެ ގަތުމުންނެވެ. ވޯލްޑު ބޭންކުން ވަނީ ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް ރައްކާތެރި ނުކުރެވޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވޯލްޑް ބޭންކުން އަފްޣާނިސްތާނުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައި ވާއިރު 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް 5.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެ ބޭންކުން އަފްޣާނިސްތާނަށް ދީފައިވެ އެވެ.
ވޯލްޑް ބޭންކުގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް ވަނީ އަފްޣާނިސްތާނަށް ދެމުން އައި މާލީ އެހީތައް މެދުކަނޑާލައި އެ ބޭންކުގައި ހުރި އަފްޣާނިސްތާނުގެ ނުވަ ބިލިއަން ޑޮލަރަށްވުރެ ގިނަ ރިޒާވް ހިފަހައްޓާފަ އެވެ.
ތާލިބާނުގެ ސަރުކާރަކީ އާއްމުކޮށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައި ވެރިކަމެއް ނަމަވެސް އެމެރިކާއިން ވަނީ އެ ގައުމުން އަފްޣާނިސްތާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދީފަ އެވެ. – އަލް އަރަބިއްޔާ