ވަރަށް ގިނައިން ލޯބިވެރިން މަގުމަތީގައި ހިނގާފައި ދާއިރުވެސް، އަދި ތަނެއްގައި އިށީނދެ ތިބޭ ކަމަށް ވިޔަސް އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެނެ އެވެ. ހަގީގަތުގައި ލޯބިވެގެން އުޅޭއިރު އަތުގައި ހިފުމަކީ ކިހާ މުހިއްމު ކަމެއް ހެއްޔެވެ؟

ކޮންމެ މީހެއްގެ ލޯބިވެރިޔަކު ނުހުރެ އެވެ. މިފަދަ މީހުންނަށް ހާއްސަކޮށް މިވަނީ ވަރަށް ތަފާތު އީޖާދެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން ޖަޕާނުން ވަނީ ހުސްހަށިބައި ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އަންހެން ކުއްޖެއްގެ އަތް ސިފަވާ ރޮބޮޓެއް ހަދާފަ އެވެ. މި ރޮބޮޓު އަތުގައި ހިފައިގެން ހުންނަ އިރު ބައެއް ފަހަރު އަތަށް ފިއްތާލަ އެވެ. އަދި ދާހިތްލާ ކަހަލަ ގޮތެއް ވެސް ކުރުވަ އެވެ. މީގެ ސަބަބުން އަސްލު މީހެއްގެ އަތުގައި ހިފައިގެން ހުރެވޭ އިހުސާސްވާނެ އެވެ. އަތެއްގައި ހިފަން ރޮބޮޓެއް އުފައްދަން ޖެހުމުން، މީގެ މުހިއްމު ކަން އެނގިގެންދެ އެވެ.

މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ދައްކާއިރު އަތުގައި ހިފައިގެން ތިބުން މުހިއްމު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އޭގެ ސަބަބުން ހާޓް ރޭޓް ދަށްވެ ނުތަނަވަސްވުމުން ދުރުކޮށްދެ އެވެ. މީގެ ސަބަބުން މުއާސަލާތުކުރުން ރަނގަޅުވެ އެވެ.

އަތުގައި ހިފުމަކީ ސްޓްރެސް ވުމުން ވެސް ދުރުކޮށްދޭ ކަމެކެވެ. މިކަން ސާބިތުކުރުމަށް 80 މީހުން (40 ޖޯޑު) ބައިވެރިކޮށްގެން ވަނީ ދިރާސާއެއް ހަދާފަ އެވެ. މި ދިރާސާގައި ސްޓްރެސްވާ މިންވަރު ދެނެގަންނަނީ އެ ހާލަތުގައި މީހާގެ ލޮލުގެ ކަޅިއަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. އެގޮތުން މި ދިރާސާ ކުރިއަށް ދިޔަ ވަގުތު ލޯބިވެރިޔާގެ އަތުގައި ހިފައިގެން ތިބި މީހުންގެ ކަޅީގެ ހަރަކާތް މަދުކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

އެހެން ކަމުން ލޯބިވެރިޔާގެ އަތުގައި ނުހިފާ ދޫކޮށްލެވޭކަށް ނެތެވެ. އެއީ ލޯބި އިތުރު ވުމުގެ އިތުރުން ތިބާގެ ގުޅުން ވެސް ވަރުގަދަ ކުރުމަށް އޮތް މަގެކެވެ.