ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން މުއައްސަސާއިން ބުނީ މާދަމާގެ ނިޔަލަށް ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމައަށް ކުރިން ހުޅުވާލާފައިވީ ނަމަވެސް މިހާރު މި މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:

  1. ސާނަވީ ތައުލީމުގެ ޖީސީއީ އޯ ލެވެލް އިމްތިހާނު އަދި އެސްއެސްސީ އިމްތިހާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ އެސްއެސްސީ އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށްވުން. ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

("ޝަރުތު 1" ގައި ހިމެނޭ ޝަރުތުހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 3 އިންޗި އަދި އަންހެން 5 ފޫޓު އިސްކޮޅުގައި ހަމަވުން)

ނުވަތަ

2. ޖީ.ސީ.އީ އޯލެވެލް އިމްތިޚާނުގެ 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެޗްއެސ.ސީ އިމްތިޚާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ 2 މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވާ ފަރާތެއްކަމުގައިވުން.

("ޝަރުތު 2" ގައި ހިމެނޭ ތައުލީމީ ޝަރުތުހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 1 އިންޗި އަދި އަންހެން 4 ފޫޓް 8 އިންޗި އިސްކޮޅުގައި ހަމަވުން)

ނުވަތަ

3. ސާނަވީ ތައުލީމު ފުރިހަމަކުރުމާއިއެކު، މިހިދުމަތަށް އަލަށް މީހުން ރެކްރޫޓްކުރުމުގައި ބަލާ ފިޒިކަލް އެސެސްމަންޓުން ފާސްވުމަށް ކަނޑައެޅިފައިވާ މިންގަނޑުން "ސިލްވަރ" ލެވެލްގައި ފާސްވާ ފަރާތްތަކުގެ ތެރެއިން ފިރިހެން އިސްކޮޅުގައި 5 ފޫޓް 8 އިންޗި އަދި އަންހެން އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައިވުން.

4. މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން،

– 34/2020 “ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.

ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި މީހުން ހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކާއި ދިވެހި ފުލުހުންގެ ހިދުމަތަށް ގާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނާއި ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި މުއައްސަސާގެ ހިދުމަތް އަލަށް ގާއިމްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ސައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ.

ފުލުހުން ވަޒީފާއަށް ސައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެވއެވެ. ހަމައެއާއެކު ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި ދިވެހި ސިވިލް ސަވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާނީމިމަހުގެ 30 ވަނަ ދުވަހުގެ 4:00ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިޝެޕްޝަނަށް ނުވަތަ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން 4:00 އަށެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.