ބެއިރޫތު (17 ނޮވެމްބަރު) - ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ލުބްނާނުގެ އިގްތިސާދު އިތުރަށް ގޯސްވެ ސިއްހީ ބޭސްތަކުން އެގައުމުގެ ރައްޔިތުންނަށް ދެމުން އަންން ސަބްސިޑީ ހުއްޓާލައިފި އެވެ.
އަވަށްޓެރި ގައުމުތަކުންނާއި ދުނިޔޭގެ އެކި ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ބޭރުފައިސާ ލިބުން މަދުވެ އާއްމު ބަލިތަކަށް ބޭނުންކުރާ ބޭސްތައް އިމްޕޯޓު ކުރުން ވަނީ ދަތިވެފަ އެވެ.
މިދިޔަ ހަފްލާގެ ތެރޭގައި ލުބްނާންގެ ހެލްތު މިނިސްޓަރު ފިރާސް އަބިއަދު ވިދާޅުވީ ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް ފަދަ ދާއިމީ ބޭސްތަކުން ދޭ ސަބްސިޑީ ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ. ސަބްސިޑީ ދިނުން އެއްކޮށް ހުއްޓާލައިފައި މިވަނީ އޭގެ ފަހުންނެވެ.
ޑޮކްޓަރުންނާއި ސިއްހީ މާހިރުން ޒަރޫރީ ބޭސްތައް ހުސްވެދާނެ ކަމުގެ އިންޒާރު ދެމުން ދާއިރު ހެލްތު މިނިސްޓްރީއިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ ގުޅިގެން ބޭސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ލުބުނާނުން މަހަކު 20 މިލިއަން އެމެރިކާ ޑޮލަރު ސިއްހީ ސަބްސިޑީއަށް ބޭނުން ކުރި ނަމަވެސް އެގައުމުގެ ފައިސާގެ އަގު ދަށްވެ ސަބްސިޑާ ކުރިއަށް ގެންދިއުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މިހާލަތުގައި އައިއެމްއެފްގެ އިތުރުން ވޯލްޑް ބޭންކާއި އަމިއްލަ ބައެއް ގައުމުތަކުން ވެސް ވަނީ ލުބްނާނަށް އެހީވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. – އަލް އަރަބިއްޔާ