ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންގެ ލޯބީގެ ވާހަކަ ތަކަކީ އަބަދުވެސް ފޭނުން އެންމެ ބަލަން ބޭނުންވާ އެއް ކަންތަކެވެ. އެ މީހުން ލޯބީގެ ގޮތުން ގުޅުނީ ކިހިނެއްކަމާއި ވަކިވަންޏާ ވަކިވާ ސަބަބުތައް ވެސް އޮޅުންފިލުވައި ބަލަ އެވެ.

އޭގެ ތެރެއިން ބޮލީވުޑްގައި 1900ގެ އަހަރުތަކުގައި ވިދާލި ދެ ތަރިއެއްގެ ލޯބީގެ ވާހަކަތަކަކީ އަދިވެސް އެވާހަކަތަކަކަށް ފަނޑުކަމެއް އައުމެއް ނެތް ވާހަކަ ތަކެކޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ. އެއީ އަމީތާބް ބައްޗަން އާއި ބްހާނޫ ރޭކާ ޖެމިނީގަނޭސަން (ރޭކާ)ގެ ލޯބީގެ ވާހަކަތަކެވެ.

ސިނަމާތަކުގައި ދެތަރިންގެ ކެމިސްޓްރީ ފާހަގަވެގެންދިޔައީ ބެލުންތެރިންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކަށެވެ. ދެ ތަރިން އެކުގައި ކުޅޭ ފިލްމެއްނަމަ ވެގެންދަނީ ސުޕާ ހިޓަކަށްށެވެ. އެހާވެސް އެދެ މީހުންގެ ކެމިސްޓްރީ ދިމާވި އެވެ.

ބަލަބަލަ ހުއްޓައި ކުއްލިއަކަށް ދެފަންނާނުން އެކީގައި ފިލްމު ކުޅުން ހުއްޓާލައި، އެކަކު އަނެކަކަށް ދުރުދުރުން އުޅެ، ނުފެންނަ ހިސާބުތަކުގައި އުޅެން ދިމާވީ ކީއްވެތޯ؟، މިއީ އަދިވެސް އަމީތާބަށާއި، ރޭކާއަށް އާންމުން ކުރާ ސުވާލެކެވެ.

އަމީތާބާއި ރޭކާ އެންމެ ފުރަތަމަ ދިމާވީ "ދޯ އަންޖާނޭ"ގެ ޝޫޓިންގެ ތެރެއިންނެވެ. އޭރު އަމީތާބަކީ ޖަޔާގެ ފިރިމީހާ ވެސް މެއެވެ. އެހެންނަމަވެސް ފިލްމުގެ ޝޫޓިންގެ ތެރެއިން އެދެ ފަންނާނުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެވުނެވެ. އެކަން އެތައް އަހަރުތަކެއް ވަންދެން ވެސް ސިއްރުކުރި އެވެ.

އޭރުގެ ހަބަރުތައް ބުނާގޮތުންނަމަ ރޭކާ އާއި އަމީތާބާއި ދެމީހުން ސިއްރުން ކައިވެނި ވެސް ކުރި އެވެ. މިކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ނީތޫ ކަޕޫރް އާއި ރިޝީ ކަޕޫރްގެ ކައިވެނީގެ ހަފްލާއަށް މަންގަލްސޫތްރަ އާއި ސިންދޫރަ (ހިންދޫ ދީނުގައި ކައިވެނިވެފައިވާ އަންހެނެއްކަން ރަމްޒުކޮށްދޭ ތަކެތި) ޖަހައިގެން ރޭކާ އައުމުންނެވެ.

އެހެންނަމަވެސް މިގުޅުން މާގިނަ ދުވަހަކު ދެމިގެންނެއް ނުދެ އެވެ. އަމީތާބާއި ރޭކާގެ ގުޅުން ކެނޑިގެން ދިއުން ވެގެން ދިޔައީ ބެލުން ތެރިންނާއި އެދެ ތަރިންނަށް ސަޕޯޓުކުރާ މީހުންގެ ހިތް ކުދިކުދިކޮށްލި ކަމަކަށެވެ.

އެއަށްފަހު އެދެ ފަންނާނުން ކުޅުނު ފިލްމެއްކަމަށްވާ "ސިލްސިލާ" ވެގެން ދިޔައީ އެ ގުޅުން ނިމުމަކަށް ގެނެސްދިން ފިލްމަށެވެ. އެ ފިލްމުގެ ޝޫޓިންއަށް ފަހު ދެ ތަރިންގެ ގުޅުން މަޑުމަޑުން ހީނަރުވެގެން ގޮސް އެއްކޮށް ނިމުމަކަށް އަ އެވެ.

ހަބަރުތައް ބުނާގޮތުން އެއީ ރޭކާ އަމީތާބުގެ ކައިރިން އިންނަން އެހުމުން އަމީތާބު އެކަމާއި ދެކޮޅު ހެދުމުންނެވެ. އެދުވަސްވަރު އަމީތާބު ޖަޔާ ދޫކޮށްލަން ބޭނުންނުވީ އެވެ. މި ސަބަބާއި ހުރެ ދެ ފަންނާނުން ވެސް އެދެ މީހުންގެ މިސްރާބު އެއްކޮށް ބަދަލުކޮށްލި އެވެ.

ރޭކާއާއެކު އެއްވެސް ގޮތަކަށް ފިލްމެއް ނުކުޅޭނެ ކަމަށް އަމީތާބު ހުރިހާ ޑައިރެކްޓަރުންނަށް އެންގި އެވެ. އަދި އެއަށްފަހު އެތައް އަހަރުތަކެއް ވޭތުވެފައިވާއިރު ވެސް، ދެ ފަންނާނުން، އެކި ހަފްލާތަކާއި ޕާޓީތަކުގައި އެކަކު އަނެކަކަށް ނުފެނި އުޅެވޭތޯ ބަލަ އެވެ.

ރޭކާގެ ފިރިއެއް ނެތް ކަމުގައި ވީނަމަވެސް އަބަދުވެސް ކައިވެނިވެފައިވާ އަންހެނެއްކަން ރަމްޒުކުރުވައިދޭ މަންގަލްސޫތްރަ އާއި ސިންދޫރަ އޭނާ ޖަހަ އެވެ. ބެލެވޭ ގޮތުގައި މިތަކެއްޗަކީ އޭނާ، އަމީތާބުގެ ނަންމަތީގައި އަޅާފައިވާ ތަކެއްޗެވެ.

އަމީތާބުގެ ވާހަކަތައް ރޭކާގެ ދުލުން ފާޅުކަން ބޮޑު ގޮތެއްގައި ނުދެއްކި ނަމަވެސް އޭނާގެ ވާހަކަތައް އަމާޒުވަނީ އަމީތާބާއި ކަންހާމަވެ އެވެ. އަދި ރޭކާގެ ވާހަކަތަކުން އަދިވެސް އޭނާ އަމީތާބުދެކެ ލޯބިވާކަން ވެސް ހާމަވެގެންދެ އެވެ.

https://www.instagram.com/p/CNMx7JCH8Yj/?utm_source=ig_embed&ig_rid=f0e9d670-3764-42db-a46c-f7170f46655a