ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައިވާ މީޓަރުތަކުގެ ތެރެއިން ރަނގަޅަށް ހުރި މީޓަރުތަކުގެ އެޕާޓްމަންޓްތަކަށް މާދަމާއިން ފެށިގެން ފެން ބިލު ފޮނުވަން ފަށާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި އެވެ.

މިއަދު ހިޔާ ފްލެޓް ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފެން ބިލްތަކުގައި ދިމާވާ މައްސަލަތަކެއް ފާހަގަވުމާއި ގުޅިގެން ތަހުލީލު ކުރިކުރުމާއި ގުޅިގެން 3،500 އާއި 4،000 އެއްހާ ފްލެޓްގެ ފެން މީޓަރު ރަނގަޅުކަން ޔަގީންވެފައި ވާތީ މާދަމާއިން ފެށިގެން އެ ފްލެޓުތަކަށް ބިލް ފޮނުވަން ފަށާނެ ކަމަށެވެ.

އެ ކުންފުނިން ބިލް ކުރަން ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެންކަމަށް ވާތީ އެ ފްލެޓުތަކަށް ބިލް ފޮނުވާނީ ތިން މަހަށް އެއްކޮށް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އެގޮތުން ތިން މަހުގެ ބިލް އެއްކޮށް އައި ނަމަވެސް ކަސްޓަމަރުންނަށް ބިލު ދެއްކުމުގައި ވަނީ ލުއި ގޮތްތަކެއް ހަމަޖައްސައިފައިވާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ ބައިބަޔަށް ބަހާލައިގެން ބިލް ދެއްކުމުގެ އިހްތިޔާރުދީ އަދި އެ މުއްދަތުގައި ޖޫރިމަނާ ވެސް ނުނަގާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީނިއަންސީ ޕޮލިސީގެ ދަށުން ކަސްޓަމަރުންނަށް ބަހާލައިގެން ވެސް ބިލް ދެއްކޭނެ. އަޅުގަނޑުމެންނާ އެކު މި އެއްބަސްވުމުގައި ސޮއިކުރުމުން ބިލު ނުދެއްކުމުން އިތުރަށް އަރާ ބައި ވެސް މާފު ކުރެވިގެންދާނެ،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ހިޔާ ފްލެޓު ސަރަހައްދުގައި ބަހައްޓާފައިވާ ބަލްކު މީޓަރު ދައްކާގޮތުގައި ފާއިތުވި ތިން މަސް ދުވަހު އެ ސަރަހައްދަށް ވަނީ 13 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދީފަ އެވެ.

ބައެއް ފްލެޓުތަކުގައި ހުރި ފެން މީޓަރުތަކުގައި މައްސަލަތައް ހުރުމުން އެ ފްލެޓުތަކުގެ ބިލްތަކުގައި މައްސަލަތަކެއް ދިމާވެފައިވާތީ މައްސަލަ ހުރި މީޓަރުތައް ދެނެގަނެ އެ މީޓަރުތައް ރަނގަޅު ކުރުމަށް އެމްޑަބްލިއުއެސްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ބުނީ މީޓަރުތަކުގައި މައްސަލަ ޖެހިފައިވާ ފްލެޓުތަކަށް ފެން ބިލު ފޮނުވާނީ އެ މައްސަލަ ހައްލުކުރުމަށް ފަހުގައި ކަމަށެވެ.

އަދި އެމައްސަލަ ހައްލުކުރުމުގައި ހިޔާ ފެލްޓް އެޅުމުގައި ހަރަކާތްތެރިވި ކުންފުނީގެ އެއްބާރުލުން ނުލިބޭނަމަ އެމްޑަބްލިޔުއެސްސީގެ އަމިއްލަ ހަރަދުގައިވެސް ފެން މީޓަރުތައް ބަދަލުކުރާނެ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.