ދެކުނު އެފްރިކާގެ ބައެއް ސަރަހައްދުގެ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" އާ ގުޅިގެން ދެކުނު އެފްރިކާ ހިމެނޭ ގޮތަށް އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ދެކުނު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓް، "އޮމިކްރޯން" އާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، މިއަދުގެ މެންދަމު 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަސް، ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން ހުއްޓާލަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު، ޓްރާންސިޓްވެފައިވާ މީހުން ހިމެނޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައި ބުނީ، ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން، އެފްރިކާގެ އެ ހަތް ގައުމުގައި އުޅެފައި ރާއްޖެ އަންނަ ދިވެހިންނާއި ވޯކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އަދި އެމީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް ބުނެފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ، އިއުލާނަށް އަމަލުކުރަން ފަށާއިރު، ރާއްޖެއަށް މީހުން އައުން މަނާކުރި ހަތް ގައުމުން ރާއްޖެއަށް ދަތުރު ފަށާފައިވާ މީހުންނާއި ވޭތުވެދިޔަ 14 ދުވަސް ތެރޭގައި އެ ގައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ މީހުން އަންނަނިވި ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.