ކޮވިޑް 19ގެ އާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯންގެ ނުރައްކާ ބޮޑުވެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ގައުމުތަކަކުން ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

އޮމިކްރޯން އާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު B.1.1.529 ވޭރިއަންޓަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާ ނަމަކީ އޮމިކްރޯން އެވެ.

މި ވޭރިއަންޓްގައި ގިނަ އަދަދަކަށް މިއުޓޭޝަންސް އެކުލެވޭ އިރު ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނަށް އަލުން މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ފުރަތަމަ ބެލި ބެލުންތަކުން ވަނީ ހާމަވެފަ އެވެ.

މި ސަބަބަށްޓަކައި އޮމިކްރޯން ވޭރިއަންޓަކީ މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ހަލުވި ކަމާއެކު ފެތުރޭނެ ވޭރިއަންޓެއް ކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ.

އޮމިކްރޯން މިހާތަނަށް ފެނިފައި ވަނީ ކޮން ގައުމުތަކަކުން؟

އޮމިކްރޯން ވޭރިއަންޓް މިހާތަނަށް ފެނިފައިވާކަން ޔަގީން ކުރެވިފައިވާ ގައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ، ޖަރުމަނު ވިލާތް، އިޓަލީ، ނެދަލޭންޑްސް، ބެލްޖިއަމް، އިޒްރޭލް އަދި ބޮޓްސްވާނާ ހިމެނެ އެވެ.

ގައުމުތަކުން އަޅާފައި ވަނީ ކޮން ފިޔަވަޅުތަކެއް؟

ކެނެޑާ: ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދެކުނު އެފްރިކާ، ލެސޯތޯ، ބޮޓްސްވާނާ، އެސްވާޓިނީ، ޒިމްބާބްވޭ، ނަމީބިއާ އަދި މޮޒަމްބީކްއަށް ގޮސްފައިވާ ދަތުރުވެރިން އެތެރެވުން މަނާ.

ކުވެއިތު: ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދެކުނު އެފްރިކާ، ލެސޯތޯ، ބޮޓްސްވާނާ، އެސްވާޓިނީ، ޒިމްބާބްވޭ، ނަމީބިއާ އަދި މޮޒަމްބީކް އަށް ގޮސްފައިވާ ދަތުރުވެރިން އެތެރެވުން މަނާ. މި ގައުމުތަކަށް ދަތުރުކޮށްފައިވާ ކުވެއިތުގެ ރައްޔިތުން ހަތް ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ.

އިޒްރޭލު: ހުރިހާ ބިދޭސީން އެތެރެވުން މަނާ. އިޒްރޭލުގެ ރައްޔިތުންނަށް ކަރަންޓީނު ފުރިހަމަ ކުރާ ގޮތަށް އެތެރެ ވެވޭނެ.

ސައޫދީ އަރަބިއާ: ދެކުނު އެފްރިކާ، ލެސޯތޯ، ބޮޓްސްވާނާ، އެސްވާޓިނީ، ޒިމްބާބްވޭ، ނަމީބިއާ އަދި މޮޒަމްބީކް އާ ދެމެދު އޮތް ވައިގެ ދަތުރުފަތުރު މެދުކަނޑާލެވިފައި.