ކޭޕްޓައުން (28 ނޮވެމްބަރު) - ކޮވިޑް 19ގެ އާ ވޭރިއަންޓެއް ކަމަށްވާ "އޮމިކްރޯން" ދެނެގަނެ އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމުން އެ ގައުމަށް ލިބެމުންދަނީ "އަދަބެއް" ކަމަށް ދެކުނު އެފްރިކާއިން ބުނެފި އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ވޭރިއަންޓްގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ހިއްސާ ކުރުމުން ބައިނަލްއަގްވާމީ މުޖުތަމައުން އެ ގައުމަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އަދަބެއް ކަމަށް އެ ގައުމުން ސިފަ ކުރެ އެވެ.

އެގޮތުން އެގައުމުގެ ރައްޔިތުންނަށް ބައިނަލްއަގުވާމީ ދަތުރުފަތުރު މަނާވެ އިގްތިސާދީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އޭގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުން އާ ވޭރިއަންޓްތައް ފެނުމުން ގައުމުތަކުން ކަންކުރި ގޮތާއި މިހާރު އެ ގައުމާ މެދު ކަންކުރާ ގޮތުގައި ތަފާތުތައް ގެންގުޅެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދަ ވޭރިއަންޓެއް ދެނެގަނެ ޓެކްނޮލޮޖީގެ ރޮނގުން އެގައުމުން ހޯދި ކާމިޔާބީއަކީ ތައުރީފު ހައްގު ކާމިޔާބެއް ނަމަވެސް ކަން ހިނގަމުން ދަނީ އޭގެ އިދިކޮޅަށް ކަމަށް ފޮރިން މިނިސްޓްރީއިން އިތުރަށް ބުނެފައިވެ އެވެ.

އާ ވޭރިއަންޓް ދެނެގަތުމުން ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލު ކުރަމުން ދާ ގޮތާ މެދު އެފްރިކަން ޔޫނިއަންއިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ދެކުނު އެފްރިކާގެ އިތުރުން އެފްރިކާ ބައްރުގެ އިތުރު ގައުމުތަކުން އޮމިކްރޯން ފެނުމާއެކު ދުނިޔޭގެގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުން ދަތުރުކުރުން މަނާކޮށް ބޯޑަރު ކޮންޓްރޯލް ފިޔަވަޅުތަކެއް އަޅާފަ އެވެ. – އަލް އަރަބިއްޔާ