ވޮޝިންޓަން (02 ޑިސެމްބަރު) - ދެކުނު އެފްރިކާއިން އަލަށް ފެނުނު ކޮވިޑް 19ގެ ވޭރިއަންޓެއް ކަމަށްވާ "އޮމިކްރޯން" އަށް އަމާޒު ކޮށްގެން ބޫސްޓާ ވެކްސިނެއް އަންނަ މާޗު މަހުގެ ނިޔަލަށް ތައްޔާރު ކުރެވޭނެ ކަމަށް ކޮވިޑް ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ އެމެރިކާގެ މޮޑާނާއިން ބުނެފި އެވެ.
މޮޑާނާގެ ރައީސް ސްޓެފަން ހޯގް ވިދާޅުވީ އޮމިކްރޯންގެ ނުރައްކާ އެންމެ ފަސޭހައިން ކުޑަކުރެވެން އޮތް ގޮތަކީ އެ ވޭރިއަންޓްގެ ޖީންތައް ހިމެނޭ ގޮތަށް ކޮވިޑް 19ގެ ބޫސްޓާ ޝޮޓެއް އުފެއްދުން ކަމަށެވެ.
"އެ މަސައްކަތް މިހާރު ވެސް ވާނީ ފަށާފައި. މާޗު މަހާ ހިސާބަށް ކާމިޔާބު ވާނެ ކަމަށް ލަފާ ކުރެވޭ،" ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އެ ކުންފުނިން އަންނަނީ ކޮވިޑް 19ގެ ގިނަ ވޭރިއަންޓްތަކަކަށް އަސަރުކުރާ އެއް ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
"އެކަމަކު އެކަމަށް އިތުރު މަސްތަކެއް ނަގާފާނެ،" ހޯގް ވިދާޅުވި އެވެ.
ކަންބޮޑުވުންތައް ގިނަ އޮމިކްރޯން ވޭރިއަންޓަކީ މިހާރު ފެނިފައިވާ ވޭރިއަންޓްތަކާ ކިހާ ތަފާތު ވޭރިއަންޓެއްކަމާއި މިހާރު ތައާރަފް ކުރެވިފައިވާ ވެކްސިންތަކުން މި ވޭރިއަންޓަށް އަސަރު ކުރޭތޯ ބެލުމުގެ ދިރާސާތައް ސައިންސްވެރިންނާއި ސިއްހީ މާހިރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ހޯގް އިތުރަށް ވިދާޅުވީ އެކުންފުނިން އުފައްފައިވާ ވެކްސިންގެ ދެޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އޮމިކްރޯން ވޭރިއަންޓުން ވެސް ރައްކާތެރިކަން ލިބިފައިވޭތޯ ހޯދުމަށް ބެލުންތައް ބަލަމުން އަންނަ ކަމަށެވެ. – އަލް އަރަބިއްޔާ