ކާބުލް (04 ޑިސެމްބަރު) - އަންހެނުންނަކީ މުދަލެއްގެ ގޮތުގައި ނުދެކުމަށާއި އެ ކަނބަލުންނާ ކައިވެނި ކުރެވޭނީ އެ މީހުންގެ ވެސް ހުއްދައާއެކު ކަމަށް އަފްޣާނިސްތާނުގައި ވެރިކަންކުރަމުން އަންނަ ތާލިބާނުން ބުނެފި އެވެ.
ތާލިބާނުންގެ ސަރުކާރުން އަންހެނުންގެ ހައްގުތަކާ ބެހޭގޮތުން ނެރުނު އިއުލާނެއްގައި ކައިވެނި ކުރާއިރު އިއުތިރާޒުގެ ހައްގު އެ ގައުމުގެ އަންހެނުންނަށް ލިބދީފައިވާއިރު ގަދަކަމުން ކައިވެނިކުރުވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ވެސް ހުވަފަތްވެފައި ތިބޭ އަންހެނުންނަށް އެ މީހުންގެ ފިރިންގެ މުދަލުން ބައެއް ހައްގުވާނެ ކަމަށް ވެސް މި އިއުލާނުގައިވެ އެވެ.
ނަމަވެސް އިލްމު އުނގެނުމުގެ ހައްގާއި ގެއިން ބޭރުން އާމްދަނީ ހޯދުމުގެ ހައްގު އަދިވެސް އަފްޣާނިސްތާނުގެ އަންހެނުންނަށާއި އަންހެން ކުދިންނަށް އޮތީ ނިގުޅައިގަނެވިފަ އެވެ.
އަންހެނުންގެ ހައްގުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ފިއްތުންތެއް ތާހިބާނާ ކުރިމަތިވެފައިވާއިރު އަލަށް ނެރުނު ގަވާއިދުގައި ވެސް ތައުލީމާއި އާމްދަނީ ހޯދުމުގެ ހައްގު ލިބިދީފައި ނެތުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ ކުރިން 1996 ވަނަ އަހަރުން 2001 ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ދައުރުގައި ވެސް އަންހެނުންގެ ގިނަ ހައްގުތަކެއް ހިފަހައްޓާފައިވެ އެވެ.
އަފްޣާނިސްނުގައި އިންސާނީ ހައްގުތަކުގެ އެތައް މައްސަލަތަކެއް ހުރި އިރު ބޭރުފައިސާ ލިބުން ދަށްވެ އެގައުމުގެ އިގްތިސާދު ވެސް ވަނީ އަނދަވަޅަކަށް ވެއްޓިފަ އެވެ. -- އަލް އަރަބިއްޔާ