މިދިޔަ އާދީއްތަ ދުވަހުގެރޭ ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް އަރައި އެ ދޯނި ހައިޖެކް ކުރި މައްސަލާގައި ހައްޔަރުކުރި 16 މީހުން ވެސް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ދޯންޏަށް ބަޔަކު އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ.

ދޯނި ހައިޖެކްކުރި ހާދިސާގެ ހަގީގަތް ހާމަކުރުމުގެ ގޮތުން 22 ފަޅުވެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އެ ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އެރީ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ކަމަށެވެ.

ލ. ވަޑިނޮޅި ކައިރީގައި އެންދެމުގެ މަސައްކަތްގައި ތިއްބާ ދޯންޏަށް ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު އެއްޗެއްސާއި އެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކައި، ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ލ. ގަމަށް ގެންދިއުމަށް ހިންގި ލާއިންސާނީ ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ ލ.ގަން/ތުނޑި، އިހްރާމްގޭ އިދުރީސް ހުސައިން ކަމަށް އެ ބަޔާނުގައިވެ އެވެ.

އިދުރީސް އާއެކު ދޯންޏަށް ތޫނު ހަތިޔާރާ އެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮތްވައި ހޭލައްވައި، ދޯނި ސްޓާޓު ކޮށް ދުއްވުމަށް ވަޅި ހިފައިގެން ތިބި ތިން މީހަކު އަމުރު ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާއަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި، "އަވަސް ކުރޭ، ނޫނީ ވަޅި ތަޅާލާނަމޭ" ބުނެ ބިރު ދައްކަމުންދިޔަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިއްކޮށް އަވަސް ކުރުމަށް އަންގައި ބިރު ދައްކާފައިވާ ކަމަށްވެސް ވެސް ފަޅުވެރިން ބުންޏެވެ.

މީގެއިތުރުން ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ވަނީ ހޫނު ފެން އަޅާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައިވަނީ އެރޭ ދަންވަރު 3:00 ހާއިރު ކަމަށާއި ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ކަނޑަށް އުކާލާފައިވާ ކަމަށެވެ.