ށ. ނޫމަރާ ފަރަށް 2019 ވަނަ އަހަރު އެރި ބާޖު 61 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިނަމާކޮށްފި އެވެ.
ނޫމަރާ ބަނދަރު ހެދުމުގެ މަސައްކަތްކުރުމަށް އެ ރަށަށް ގެންގޮސްފައިވާ "މެރިން ޕަވާ 2317" ނަމަކަށް ކިޔާ ބާޖު އަރާފައި ވަނީ، އެ ރަށު ނެރުމައްޗާއި ދިމާލުން ފަރަށެވެ. އެ ހާދިސާ ހިނގީ އެ ސަރަހައްދަށް ބާޖު ކައިރިކުރަން އުޅުމުގެ ތެރޭގަ އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ، 26 އޮކްޓޫބަރު 26، 2019 ގައި "މެރިން ޕަވާ 2317" ނަމަކަށް ކިޔާ ބާޖު ނޫމަރާގެ ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން 61،681،316 ރ. އިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮސޮފް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާ ކަމަށް އީޕީއޭއިން ވިދާޅުވި އެވެ.
އެ އެޖެންސީން ބުނީ ނޫމަރާ ފަރަށް އެރި ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި ނިމުމުން އެ އެޖެންސީން އެ ސަރަޙައްދު ބަލައި ސާވޭކޮށްފައިވާ ކަމަށެވެ. އަދި އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16ގަ އެވެ.
ނޫމަރާ ނެރާ ދިމާލު ފަރުމައްޗަށް ބާޖު އެރުމުގެ ސަބަބުން އެ ސަރަހައްދު ބޮޑެތި ގެއްލުންތަކެއް ލިބި ނެރުމަތި ތިލަވެފައިވެ އެވެ. އެކަމުގެ ސަބަބުުން އުޅަނދުފަހަރު ވަނުމަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށް ނޫމަރާ ކައުންސިލުން ބުންޏެވެ.
ގިނަ އަދަދަކަށް ތެލާއި ޑީސަލް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެފްއެސްއެމްގެ ބާޖެއް ވެސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ނޫމަރާ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިފައިވެ އެވެ.