ކާބުލް (12 ޑިސެމްބަރު) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުގެ ސަރަހައްދެއްގައި ދުއްވާފައި ދިޔަ ދެ ބަހެއްގައި ބޮމެއް ގޮވައި ދެ މީހަކު މަރުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ތާލިބާނުގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ ހުކުރު ދުވަހުގެ ވަގުތެއްގައި ދަޝްތު އަލް ބަރްޗީ ސަރަހައްދުގައި ހިނގި އެއް ބޮމުގެ ހާދިސާގައި ދެ މީހަކު މަރުވި އިރު ތިން މީހަކު ޒަހަމް ވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ހަމަ އެ ސަރަހައްދުގައި ހިނގި މިފަދަ އެހެން ހާދިސާއެއްގައި އިތުރު އަންހެނަކަށް އަނިޔާ ވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ދެ ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު ޝީއީންގެ ބޮޑު އާބާދީއެއް އޮންނަ މި ސަރަހައްދުގައި މިފަދަ ހަމަލާތައް ދޭތެރެ ދޭތެރެއިން ކުރިމަތިވެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ހިނގި މިފަދަ ހާދިސާއެއްގައި ދެ މީހަކު މަރުވެ އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ އިރު އެ ހަމަލާގެ ޒިންމާ އައިސިސްއިން ވަނީ ނަގާފަ އެވެ.
ތާލިބާނުން ވަނީ މިފަދަ ހަމަލާތަކުގެ ފަހަތުގައި ތިބި ހައްދުފަހަނައަޅާފައިވާ ސުންނީން ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށް ވައުދު ވެފަ އެވެ. -- އަލް އަރަބިއްޔާ