ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭ މަތީގައި މަސައްކަތެއް ކުރަން މަޑުކޮށްގެން އޮތް ކްރޭނެއްގައި ޖެހި، ސައިކަލަކުން ދިޔަ އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ބްރިޖް ހައިވޭމަތީ މަސައްކަތެއް ކުރަން މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 25 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ. އޭނާއަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:35 ހާއިރު ކަމަށެވެ. އަދި ފުލުހުން ގެންދަނީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް ބުނެފައިވެ އެވެ.