ފުވައްމުލަކަށް ނިސްބަތްވާ ހައްވާ އުލާ އިބްރާހީމް އަދި ފަރާހު ވަހީދުގެ ތިން ވަނަ ދަރިފުޅު ޔޫނުސް ލަޔަކް ފަރާހު އަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުން ދާ ކުއްޖެކެވެ. މި ބަލި ޖެހޭ ކުދިންގެ ހަށިގަނޑުގައި ފަޅައިގެންދާ ފަދަ ތޮށިގަނޑަކުން ހުރެ އެވެ. މޫނުގެ ސިފަތައް ބަދަލުކޮށް، ނޭވާލާން އުނދަގޫވެ، އެކި އިންފެކްޝަންތަކުގެ ނުރައްކާ ކުރިމަތިވާ ހާލަތް މެދުވެރިވެ އެވެ.

ނުވަ މަހުގެ ލަޔަކްއަށް ފަރުވާ ހޯދަން އެދި، އޭނާގެ މަންމަ ހައްވާ އުލާ އިބްރާހިމް ފޭސްބުކްގައި ޕޯސްޓެއް އާންމުކުރީ މީގެ ހަފްތާއެއްހާ ކުރިންނެވެ. އެޔާކު އެތައް ބަޔަކު ދިޔައީ ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ހަރަކާތްތަކެއް ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިޔައީ ހިންގަމުންނެވެ. އެގޮތުން ލަޔަކްގެ ފަރުވާއަށް މިހާތަނަށް ވަނީ 1،002،300 ރުފިޔާ ލިބިފަ އެވެ.

ލަޔަކް

މިކަމާއި ގުޅިގެން "ހުރިހާ" އަށް ދިން އިއްޓަވިއުއްގައި އުލާ މިއަދު ބުނީ ދަރިފުޅަށް އެހީވާން އެދި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެއް މިލިއަން ރުފިޔާ ލިބިފާއިވާ ކަމަށްވެސް އުލާ ފާހަގަކުރި އެވެ.

އޭނާ ބުނީ ލަޔަކްއާ އެކީ ކުރިޔަށް ދާން ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށާއި ލަޔަކްގެ ނަމުގައާއި އާއިލާގެ އެންމެންގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ހީނުކުރަން މިހާ ބޮޑު އަދަދެއް ލިބޭނެ ކަމަށް. ލަޔަކްގެ ފަރުވާއަށް އެހީ ދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އުލާ ބުންޏެވެ.

މީގެ އިތުރުން އުލާ ބުނީ ލަޔަކް ފަރުވާއަށް ތައިލެންޑަށް ދިޔުމަށްޓަކައި މިހާރު ވިސާއަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން ވިސާ ހަމަޖެހުނުހާ އަވަހަކަށް ތައިލެންޑަށް ފުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

"ލަޔަކް ބައްޕައަށް ޖެނުއަރީގައި ޗުއްޓީ ލިބުމުން. މިބަލަނީ ޖެނުއަރީ ދެ ވަނަ ދުވަހު ތައިލެންޑަށް ފުރޭވަރުވާނެ ކަމަށް،" އުލާ ބުންޏެވެ.

ލަޔަކްގެ އާއިލާ

ލަޔަކްއާ އެކު މި ވަގުތު އުލާގެ ތިބީ ދެ ކުދިންނެވެ. ޔޫނުސް ލަޔަކްގެ ދޮށްޓަށް ހުންނަނީ ހަތް އަހަރުގެ ޒައިކް ފަރާހް އެވެ.

މީގެ 11 އަހަރު ކުރިން އުލާއަށް ލިބުނު ފުރަތަމަ ދަރިފުޅަކީ ވެސް މި ޑިސްއޯޑާ ހުރި ކުއްޖަކަށް ވީތީއެވެ. ފުރަތަމަ ދަރިފުޅު ވިހެއިތާ ހަ މަސް ތެރޭގައި މަރުވެފައި ވާއިރު އެކުއްޖާ މަރުވެފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އުލާ ކިޔައިދިން ގޮތުންގައި އެ ޑިސްއޯޑާ ހުންނަ ދެވަނަ ކުއްޖަކު ލިބުމުގެ ފުރުސަތުވެސް އޮންނަ އެނގުނީ ލަޔަކް އުފަންވި ފަހުން ކަމަށެވެ. ދަރިފުޅު އުފަންވި ދުވަހުން ފަށައިގެން ކުއްޖާގެ މަންމައާ ބައްޕަ ގެންދަނީ އޭނާއަށް ފަރުވާކުރުމުގެ މަސައްކަތުގަ އެވެ.

އުލާގެ ބޭންކް އެކައުންޓު ނަމްބަރު: 7730000205317