ދިވެހިން އެންމެ ގިނައިން ބޭރު ގައުމުތަކަށް ދަތުރުކުރަނީ ބޭސް ފަރުވާއަށް ކަމަށް ބުނެވިދާނެ އެވެ. ބޭސް ފަރުވާއަށް ބޭރަށް ގޮސްކުރާ ޚަރަދު އެތައް މިލިއަން ޑޮލަރަކަށް އަރަ އެވެ. އެންމެ ގިނައިންދާ އެއްގައުމަކީ އަވައްޓެރި އިންޑިއާ އެވެ. އިންޑިއާއަށް ދިވެހިން ބޭސް ފަރުވާއަށް ދާތީ އެއީ އިންޑިޔާގެ ހެޔޮކަމުން ދިވެހިންނަށް ކުރެވޭ ކަމެއްކަމަށް ވިސްނާ ބަޔަކު ނުވަތަ އެގޮތަށް ވިސްނާދޭން މަސައްކަތް ކުރާ ބަޔަކު މިއަދު ރާއްޖޭގައި އެބަ އުޅެ އެވެ.

ޚާއްސަކޮށް ސަރުކާރުގެ ޚަރަދުތައް ހަމަ ޖެއްސުމަށްޓަކައި އިންޑިއާއިން ހޯދާ ލޯނުގެ ބަދަލުގައި އެ ގައުމުގެ މިލިޓަރީ ރާއްޖޭގައި ތިބެން ތާއީދުކޮށް ވާހަކަ ދައްކާ މީހުން މިވާހަކަ ގަދަ އަޑުން ދައްކަ އެވެ. އެހެންކަމުން ދިވެހިން އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުން އެއީ ސަލާން ޖެހުންތޯ ކުރެވޭ ސުވާލާ މެދު ވިސްނާލަން ޖެހެ އެވެ. މި ސުވާލަށް ޖަވާބެއް ހޯދުމަށްޓަކައި އިންޑިއާގެ ހެލްތު ދާއިރާގެ ކަންތައް އޮތްގޮތަކާ މެދު ބަލާލަން ޖެހެ އެވެ.

މެޑިކަލް ޓޫރިޒަމަކީ އިންޑިއާގެ އިގުތިސާދުގެ ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. މެޑިކަލް ޓޫރިޒަމުން އިންޑިޔާއަށް އަހަރަކު ހަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. އިންޑިއާއަކީ އޭޝިއާގެ ކުރިއަރަމުން އަންނަ މާކެޓުގެ އެންމެ ކުރީގައި އޮތް ތައިލޭންޑާއި ސިންގަޕޫރާ ވާދަ ކުރަމުން އަންނަ ގައުމެކެވެ. މެޑިކަލް ޓޫރިޒަމްގެ ސެކްޓަ ކުރިއެރުވުމަށްޓަކައި އިންޑިއާއިން ވަނީ އެތައް ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފަ އެވެ. 2017 ވަނަ އަހަރު އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ މީހުންގެ އަދަދު އުޅެނީ 500،000އާ ގާތް ކުރާ މިންވަރެއްގަ އެވެ. މީހުންނަކީ ދެކުނު އިރުމަތީ އޭޝިޔާ އާއި ސާކުގެ ގައުމުތަކުންނާއި އެފްރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުން އިންޑިއާއަށް ދާ މީހުންނެވެ.

އިންޑިއާއަށް ބޭސް ފަރުވާއަށް ދާން ހިތްވަރު ދިނުމުގެ ގޮތުން އެގައުމުން ވަނީ އިލެކްޓްރޯނިކް ވިސާ ކެޓަގަރީއަށް ވެސް މެޑިކަލް ވިސާ ހިމަނާފަ އެވެ. އަދި އެފަދަ އެޕްލިކޭޝަންތައް އަވަސް ކުރުމަށް ވެސް އެގައުމުގެ އިދާރާތަކުން އިސްކަންދެ އެވެ. މިބަދަލުތައް ގެނެސްފައި ވަނީ 2019 ވަނަ އަހަރު ފެބްރުއަރީ އިން ފެށިގެންނެވެ. މީގެ އިތުރުން ކުރިން ވިސާ ނެގުމަކާ ނުލައި، ބޭސް ފަރުވާޔަށްދާ މީހުންނަށް އޮން އެރައިވަލް 30 ދުވަހުގެ މެޑިކަލް ވިސާ ލިބޭ ގޮތަށް ވެސް އިންޑިއާ އިން ވަނީ ހަމަޖައްސައިފަ އެވެ.

2016 ވަނަ އަހަރު އިންޑިއާ އިން އެންމެ ގިނަ މެޑިކަލް ވިސާ ދިން ފަސް ގައުމުގެ ތެރެއިން ރާއްޖެ ހިމެނެނީ ތިންވަނަ އަށެވެ. ރާއްޖެއަށް ވުރެ ކުރީގައި އެ ލިސްޓުގައި އޮތީ ބަނގްލަދޭޝާއި އަފްޣާނިސްތާނެވެ. ރާއްޖޭގެ ފަހަތުގައި އޮތީ ރިޕަބްލިކް އޮފް ކޮރެއާ އާއި ނައިޖީރިޔާ އެވެ. އިންޑިއާއަށް ބޭސް ފަރުވާއަށް ދާ ގައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި އޮސްޓްރޭލިޔާ އާއި މެދުއިރުމަތީގެ ގައުމުތަކުގެ މީހުން ހިމެނޭއިރު އެފަދަ މީސް މީހުނަށް ޚާއްސަ ފަސޭހަ ގޮތެއްގައި ވިސާ ލިބޭނެ ގޮތް އިންޑިއާ އިން ވަނީ ހަމަޖައްސާދީފަ އެވެ. ޚާއްސަ ކޮށް އާންމު ޓޫރިސްޓުންގެ ގޮތުގައި ދާ މީހުނަށް ވެސް އިތުރު ވިސާއަކާ ނުލައި ބޭސް ފަރުވާ ހޯދޭ ގޮތަށް ވެސް ގައުމުގެ އިމިގްރޭޝަން ގަވާއިދުތައް ވަނީ ބަދަލުކޮށްފަ އެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގެ ރައްޔިތުން ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަކީ އިންޑިއާއަށް ސަލާން ޖެހުން ހެއްޔެވެ؟ އެގޮތަށް ދާ މީހުނަށް އެ ގައުމަށް އެތެރެވެވޭ ގޮތަށް ވިސާ ހަމަޖައްސައި ދިނުމަކީ އިންޑިއާއިން ދިވެހިންނަށް ވެދޭ އެހީތެރިކަމެއް ހެއްޔެވެ؟ ޖަވާބު އެމީހަކު ބޭނުން ގޮތަކަށް ބާއްވާފައި އެހެން ސުވާލަކަށް ދިއުން ފެނެ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންނަކީ އަހަރެމެންނަށް ސަލާން ޖަހައިގެން މި ގައުމަށް އަންނަ ބައެއް ހެއްޔެވެ؟ އެ މީހުން އެތެރެވާން ދޭ ހުއްދައަކީ ދިވެހިން އެމީހުނަށް ދޭ އެހީއަކަށް ވާނެ ހެއްޔެވެ؟ ޖަވާބު ވަރަށް ސަރީހަ އެވެ. ރާއްޖެއަށް ޓޫރިސްޓުން އައުމަކީ އަހަރެމެން އެކަމަށް މަރުހަބާ ކިޔާ ކަމެކެވެ. އެ މީހުނަށް އަހަރެމެން މަރުހަބާ ކިޔަނީ ހިނިތުންވުމާ އެކީގަ އެވެ. އެހެން ކަމަށް ވާނަމަ އިންޑިއާއަށް ދާ މެޑިކަލް ޓޫރިސްޓުންގެ ތެރެއިން ދިވެހިންނަކީ ވަކި ކެޓަގަރީއަކަށް ބަލައި، ދިވެހިން އެ ގައުމަށް ބޭހަށް ދިޔުމަކީ ސަލާން ޖެހުންކަމުގައި ވާނެ ގޮތެއް އެބައޮތް ހެއްޔެވެ؟ ދިވެހިންނަށް ދޭ ވިސާއަކީ އިންޑިއާގެ ހެޔޮކަމުން ދޭ އެހީއަކަށް ވާނެ ހެއްޔެވެ؟