ތެހްރާން (17 ޑިސެމްބަރު) - 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަ ކުރުމަށް އެ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލެވިފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

މަޝްވަރާތަކުގެ ހަތްވަނަ ބުރު ފަށާފައިވާއިރު އީރާނުގެ ނިއުކްލިއާ ސަފީރު އަލީ ބަގޭރް ކަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫގެ އިސްވެރިންނާއި އެހެން ބައިވެރިންނާ މަޝްވަރާ ކުރުމަށްފަހު ނިއުކްލިއާ މަޝްވަރާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

"މި ހަފްތާ ތެރޭގައި ރަނގަޅު ކުރިއެރުމެއް ވަނީ ލިބިފައި، ދެން މަޝްވަރާތައް ކުރިއަށް ދާނީ ކުޑަ މެދުކަނޑާލުމަކަށްފަހު،" އޭނާ ވިދާޅުވި އެވެ.

އީރާނުން މިހެން ބުނެފައި ވީނަމަވެސް އެއްބަސްވުމުގެ އެހެން ބައިވެރިން ބައްދަލުވެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް މީގެ ކުރިން އޮފިޝަލުން ވަނީ ބުނެފަ އެވެ.

2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަކީ އީރާނާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އދ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމުގެ ބަދަލުގައި އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމަށް ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމަށް އަމަލުކުރުން އެމެރިކާއިން ވަނީ 20218 ވަނަ އަހަރު ހުއްޓާލާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ އެއްބަސްވުން އަލުން އިޔާދަ ކުރަން ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. -- އަލް އަރަބިއްޔާ