ބައެއް މައިން ގަބޫލުކުރާ ގޮތުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުއްޖާއަށް ގާތުން ދިނުމުން، ފައިދާ އިތުރަށް ކުރެ އެވެ. ނަމަވެސް ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދެ އަހަރު ވަންދެން ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވަންދެން ގާތުން ދޭ ކުދިންނަށް ދަތް ފަނިކެއުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.
މި ދިރާސާގައި ރިސާޗަރުން ވަޒަން ކޮށްފައިވަނީ ބްރެޒީލްގެ ޕެލޯޓާސްގެ 1،129 ކުއްޖަކަށް ގާތުން ދީފައިވާ މިންވަރާއި އެކުދިންނަށް ފޮނި އެއްޗެހި ދީފައިވާ މިންވަރެވެ. މި ކުދިންގެ އުމުރުން ފަސް އަހަރު ފުރުމުން ޑެންޓިސްޓަކަށް ދައްކައިގެން އެކުދިންގެ ދަތް ފަނިކައިފައި ހުރި މިންވަރާއި ފުޓުނި އަޅަން ޖެހުނު މިންވަރު ބެލި އެވެ. އަދި މި ކުދިންގެ ދަތް ފަނި ކައިފައި ހުރީ ކިހާ ވަރަކަށްތޯ ދެނެގަތެވެ.
ދިރާސާގައި ބައިވެރިކުރި ކުދިންގެ ތެރެއިން 23.9 ޕަސެންޓް ކުދިންގެ ދަތްތައް ވަރަށް ބޮޑަށް ފަނިކައިފައި ހުއްޓެވެ. އަދި 48 ޕަސެންޓް ކުދިންގެ މަދުވެގެން އެއް ދަތް ފަނި ކައިފައިވެ އެވެ.ދެ އަހަރު ވުމުގެ ކުދިން ގާތުން ދިނުން ހުއްޓާލާފައިވާ ކުދިންނާ އަޅާ ބަލާއިރު ދެ އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް ގާތުން ދީފައިވާ ކުދިންގެ ދަތް ފަނި ކެއުމުގެ ފުރުސަތު 2.4 ޕަސެންޓް އިތުރުކަން ދިރާސާއިން އެނގުނެވެ.
ޖާނަލް ޕިޑިއެޓްރިކްސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ލިޔުއްވި ޔުނިވަސިޓީ އޮފް އެޑްލައިޑްގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ދިރާސާގެ އިސް ބޭފުޅެއް ކަމަށްވާ ކަރެން ޕާރެސް ވިދާޅުވީ މި ދެ ކަންތައް ގުޅިފައި ވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ފުރަތަަމަަ ކަމަކީ ދެ އަހަރު ފުރޭ ފަހުން ގާތުން ކިރުދޭ ގިނަ ކުދިންނަކީ ރޭގަނޑު ގަޑީގައި ޚާއްސަކޮށް ކިރު ދޭ ކުދިންނަށް ވުމެވެ. މިފަދަ ކުދިންނަށް އަވަސް އަވަހަށް ކިރު ދިނުމުގެ ސަބަބުން ދަތް ސާފުކޮށްދޭނެ ވަގުތެއް ނުލިބެ އެވެ. ނަމަވެސް މި ދިރާސާ ބުނަނީ 12 މަހާއި 23 މަހާ ދެމެދުގެ ކުދިންނަށް ގާތުން ކިރު ދިނަސް ދަތްފަނިކާ މިންވަރު އިތުރު ނުވާ ކަމަށެވެ.
މާގިނައިން ރޭގަނޑު ގާތުން ދިނުމާއި ހަކުރު ހުންނަ ކާއެއްޗެހި ގިނައިން ދިނުމަކީ ގިނަ ކުދިންގެ ދަތް ފަނިކާ ސަބަބުތައް ކަމަށް މި ދިރާސާ ކުރި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެހެން ކަމުން ރަނގަޅު އުމުރުގައި ދަރިން ގާތުން ދިނުމާ ދުރު ކުރުވުމަކީ އެކުދިންނަށް އެންމެ ފައިދާހުރި ގޮތެވެ.