ސުޕަސްޓާރު އަމީތާބު ބައްޗަންއަށްފަހު އާއްމުންގެ ލޯތްބާއި އިހްތިރާމް އެންމެ ބޮޑަށް ލިބިފައިވަނީ ކަންގަނާ ރަނޯޓްއަށް ކަމަށްވާ އޭނާ ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން އޭނާ ވާދަކުރި މަޖިލީސް އިންތިހާބުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަމުން ކަންގަނާ ބުނެފައިވަނީ އަމީތާބަށްފަހު އާއްމުންގެ މެދުގައި އެންމެ މަގުބޫލު ތަރިއަކީ އޭނާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ރާޖަސްތާނަށް ދިޔަޔަސް، ވެސްޓް ބެންގާލްއަށް ދިޔަޔަސް، ދިއްލީ ނުވަތަ މަނިޕުރަށް ދިޔަޔަސް މީހުންދޭ ލޯތްބާއި އިހުތިރާމް ފެނިފައި މުޅި ޤައުމު ހައިރާންވޭ. އަހަރެން ޔަގީންކަމާއެކު ބުނަން؛ އަމީތާބު ބައްޗަންޖީއަށް ފަހު، ފިލްމީ ދާއިރާގައި މިފަދަ ލޯތްބާއި ގަދަރެއް ލިބޭ ފަރާތަކަށް ހުންނާނީ އަހަރެން،" ކަންގަނާ ބުނެފައިވެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ކިބައިގައި ހުރި ބޮޑާކަމާއި ކިބުރުވެރިކަން މިކަމުން ސާބިތުވާ ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ހާއްސަކޮށް ކަންގަނާގެ އެންމެ ފަހުގެ ފިލްމުތައް ބޮކްސް އޮފީހުގައި ނާކާމިޔާބު ވެފައި ވަނިކޮށް އަމީތާބު ފަދަ ކާމިޔާބު ލެޖެންޑަކާ އަޅާކިޔުމަކީ ހަމަނުޖެހޭ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކަންގަނާގެ މި އިންޓަވިއު އަލުން ވައިރަލް ވެފައި މިވަނީ މިއަދުގެ ޒުވާނުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން ވެސް އޭނާއަށް އާއްމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޖެން-ޒީއަކީ "ޖެނެރޭޝަން ގަޓަރު" ކަމަށް ބުނި ބުނުން ދިފާއު ކުރަމުން ކަންގަނާ ވަނީ އޭނާ އިޝާރާތް ކުރީ ހުރިހާ ޒުވާނުންނަށް ނޫން ކަމަށާއި ހުދު އޭނާއަކީ ވެސް ޒުވާނެއް ކަމަށް ބުނެފަ އެވެ.