ބްރިސްބަން (15 ޑިސެމްބަރު) - އޮސްޓްރޭލިއާގަ ބްރިސްބަންއާ ކައިރި ސަރަހައްދަކަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި ހަތަރު މީހުން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ 69 އަހަރުގެ މީހަކު ދުއްވި އެ މަތިންދާ ބޯޓަކީ އަމިއްލަ މީހެއްގެ މަތިންދާ ބޯޓެއް ކަމަށާއި ބޯޓު ވެއްޓުނު އިރު އޭގައި ތިބީ ދެ ކުޑަކުދިންނާއެކު ޖުމްލަ ހަތަރު މީހުން ކަމަށެވެ. އެއް އާއިލާއަކަށް ނިސްބަތްވާ އެ ހަތަރު މީހުން މަތިންދާ ބޯޓު ދުއްވީ މުނިފޫހި ފިލުވުމުގެ ދަތުރަކަށެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ރޮކްވެލް އިންޓަނޭޝަނަލްގެ އެ މަތިންދާ ބޯޓު މޮރެޓަން ބޭ ކަނޑުގެ ސަރަހައްދުގައި އޮޔާ ދާ ތަން ފެނެ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ފާހަގަ ކުރުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރިއަށް ގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ޑިޕާޓްމަންޓުން ބުނީ މި ހާދިސާގެ ތަހުގީގު ކުރިއަށް އޮތް 8 ހަފްތާ ތެރޭގައި ނިމޭ ވަރު ވާނެ ކަމަށެވެ. --ރޮއިޓާސް