އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ހިޒްބުالله އިން ބުނެފި އެވެ.

ހޮނިހިރު ދުވަހު ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އުދުވާނުތަކަށް ހައްގު ރައްދެއް ދޭނެ ކަމަށެވެ. އަދި ހަމައެއާއެކު، އިޒްރޭލާއެކު ކުރިއަށްގެންދާ މަޝްވަރާތައް ހުއްޓާލުމަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކަށް އެ ޖަމާއަތުން ވަނީ ގޮވާލާފަ އެވެ.

އީރާނުގެ ތާއީދު އޮންނަ މި ޖަމާއަތުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމާއި، އަދި ބާރުގެ ބޭނުންކޮށްގެން ކަންކަން މަޖުބޫރުކުރުވުމަށް ކުރާ މަސައްކަތްތައް ދެން ކުރިއަށް ނުގެންދެވޭނެކަން އެ ގައުމަށް ސާފުކޮށް އެނގެންޖެހޭނެ ކަމަށެވެ.

އަދި މިފަދަ އަމަލުތަކަށް އެކަށީގެންވާ ރައްދެއް ލިބޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ. މީގެ އިތުރުން، އިޒްރޭލާއެކު ސީދާ މަޝްވަރާކޮށް، ދުޝްމަނުންނަށް އެއްވެސް އަގަކާ ނުލައި ދޫދިނުމުގެ މަގު އިހުތިޔާރު ނުކުރުމަށް ލުބުނާނުގެ ސަރުކާރަށް ހިޒްބުالله އިން ވަނީ ބާރުއަޅާފަ އެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ނުރައްކާތެރި ވައިގެ ހަމަލާތަކުގައި 11 މީހުން ވަނީ މަރުވެފަ އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީއާއި އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި، އަންސާރު އަވަށުގެ އަރިމަތީގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެކަނިވެސް ހަތް މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ ފަރާތްތަކުން ހާމަކުރެއެވެ.