މޯލްޑިވްސް ނެޝަނަލް ޕާޓީން (އެމްއެންޕީ) އިން ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، މިމަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. އަދި އެ ގޮނޑިއަށް މެމްބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެމްއެންޕީން މި ގޮނޑިއަށް ކުރިމަތިލުމަށް ނިންމާފައިވާއިރު، އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީން ވެސް ކުރިމަތިލާނެ ކަމަށް އަސްރާ ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިމަތިލާނީ ކޮން ކެނޑިޑޭޓެއްކަން ނިންމާނީ ޕްރައިމަރީން ނިކުންނަ ނަތީޖާއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީން ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 26 ގެ ނިޔަލަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ އެ ގޮނޑިއަށް ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލައިފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެސް ކުރިމަތިލައްވާނެ ކަމުގެ ވާހަކަތަކެއް މީގެ ކުރިން ފެތުރިފައިވެ އެވެ. ނަމަވެސް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.