ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ދައުލަތުން އުފުލު ދައުވާއިން ސަލާމަތްވެ، ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު (އެމްޑީ) މިނިވަންކޮށްފި އެވެ.

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާ އެމްޑީއަށް ކުރީ 2015 ވަނަ އަހަރުގަ އެވެ. އޭރުވެސް އޭނާ ދިޔައީ އެ ރަށުގެ ކައުންސިލްގެ ރައީސްކަން ކުރަމުންނެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މި މައްސަލަ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައި އޮންނަތާ އެތައް އަހަރެއް ވެފައިވާއިރު، ގައްދޫ ކޯޓުން ވަނީ މިދިޔަ މެއި މަހު އޭނާ މިނިވަންކުރުމަށް ވެސް އަމުރުކޮށްފަ އެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އޭނާ ބަންދުން ދޫކޮށްފައެއް ނުވެ އެވެ.

އޭނާ ވަނީ ބަންދުގައި ހުރެ ޕީޕީއެމްގެ ފަރާތުން، ގައްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް ގޮނޑި ވެސް ކާމިޔާބުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އޭނާ މިނިވަންވުމާއެކު އޭނާ ވަނީ އަލުން އޮފީހަށް ނިކުމެ މަސްއޫލިއްޔަތުތަކާ ހަވާލުވެފަ އެވެ.