ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕީޕީއެމުންވެސް ޕްރައިމަރީއަކަށް ދާން އިއުލާން ކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 2022 ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ) ގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމާފައިކަމަށެވެ.
އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކަޝަންގައި ޕީ.ޕީ.އެމް ގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން 2021 ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައި ކުރިއަށް ގެންދާ ގޮތަށްވަނީ ނިންމާފަ އެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމް ގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު 2021 ޑިސެމްބަރު 21 އިން ފެށިގެން 2021 ޑިސެމްބަރު 23 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލައިފައިވާކަމަށްވެސް ޕީޕީއެމުން ހާމަ ކުރެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކަމަށް ނިންމާ އެދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
މި އިންތިޚާބުގައި އެމްޑީޕީންވެސް ޕްރައިމަރީ ބާއްވަންވަނީ އިއުލާންކޮށްފަ އެވެ. އަދި އަލަށް އުފެއްދި އެމްއެންޕީންވެސް ވާދަކުރާނެ ކަމަށް ބުނެފައިވެ އެވެ.