އިނގިރޭސިވިލާތުގައި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އޮޒެމްޕިކް އަދި މައުންޖާރޯ ފަދަ ބޭސްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 200 އަށްވުރެ ގިނަ މަރުގެ މައްސަލަ އެ ގައުމުގެ ސިއްހީ އިދާރާތަކަށް ހުށަހަޅާފައިވާކަން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބޭސްތަކާ ގުޅިގެން ސިއްހީ ގޮތުން ކުރިމަތިވި ނޭދެވޭ 158،000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
މި މައްސަލަތައް ރިޕޯޓްކޮށްފައިވަނީ އެ އެޖެންސީގެ "ޔެލޯ ކާޑް ސްކީމް" ގެ ދަށުންނެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 'މައުންޖާރޯ' ގެ ނަމުގައި ވިއްކާ 'ޓާޒެޕަޓައިޑް' ބޭނުންކުރުމުގެ ސަބަބުން ދިމާވި ސިއްހީ 106،189 މައްސަލައަކާއި 120 މަރެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވި އެކި މައްސަލަތައް ހިމެނެއެވެ.
މީގެ އިތުރުން، ބަރުދަން ލުއިކުރުމަށް ބޭނުންކުރާ 'ވެގޯވީ' ގެ މައިގަނޑު މާއްދާއެއް ކަމަށްވާ 'ސެމަގްލޫޓައިޑް' އާ ގުޅުންހުރި ކަމަށް ބެލެވޭ 48،089 މައްސަލައަކާއި 59 މަރެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މާއްދާއަކީ ހަކުރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'އޮޒެމްޕިކް' އަދި 'ރައިބެލްސަސް' ގައިވެސް ހިމެނޭ މާއްދާއެކެވެ.
ހަމައެއާއެކު، އިނގިރޭސިވިލާތުގައި 'ސެކްސެންޑާ' ގެ ނަމުގައި ވިއްކާ 'ލިރަގްލޫޓައިޑް' އާ ގުޅިގެން 4،491 ނޭދެވޭ މައްސަލައަކާއި 37 މަރެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީވެސް ތަފާތު ނަންނަމުގައި ހަކުރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.
އެމްއެޗްއާރްއޭ އިން ފާހަގަކުރި ގޮތުގައި، ޔެލޯ ކާޑް ސްކީމަށް ހުށަހެޅޭ މަރުގެ މައްސަލަތަކާއި ނޭދެވޭ އަސަރުތަކަކީ ސީދާ އެ ބޭހުގެ ސަބަބުން ދިމާވި ކަންކަން ކަމުގައި ކަނޑައެޅިގެން ބުނަން އަދި ދައްޗެވެ. މިއީ ހަމައެކަނި އެ ބޭހާ ގުޅުން ހުރެދާނެ ކަމަށް ރިޕޯޓްކުރި ފަރާތަށް ޝައްކު ކުރެވޭތީ ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
މިކަމާ ގުޅޭގޮތުން އެމްއެޗްއާރްއޭ ގެ ތަރުޖަމާނު ވިދާޅުވީ، އިނގިރޭސިވިލާތުގައި މިލިއަނުން ޖީއެލްޕީ-1 ބޭސްތައް ބޭނުންކުރަމުންދާއިރު، ރިޕޯޓްކުރެވޭ މައްސަލަތަކުގެ އަދަދު ގިނަވުމަކީ ބޭސް ބޭނުންކުރާ މިންވަރު އިތުރުވުމާއި މިކަމަށް އޮތް ހޭލުންތެރިކަން އިތުރުވުމުން ދިމާވާ ކަމެއް ކަމަށް ވެދާނެ ކަމަށެވެ. އަދި އެހެން ހުރިހާ ބޭސްތަކެކޭ އެއްފަދައިން، މި ބޭސްތަކުގެ ރައްކާތެރިކަންވެސް މެދުނުކެނޑި މޮނިޓަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ބޭސްތަކުގެ ރައްކާތެރިކަމާ ގުޅޭ އެއްވެސް އާ މައުލޫމާތެއް ލިބިއްޖެނަމަ، ބަލިމީހުންނާއި ސިއްހީ އެހީތެރިންނަށް އެކަން ވަގުތުން އަންގާނެ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ހުއްދަ ދީފައިވާ ގޮތަށް މި ބޭސްތައް ބޭނުންކުރުމުން ލިބޭ ފައިދާ، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަށްވުރެ ބޮޑު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި އިނގިރޭސި ހޯމް ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށާއި، ކަމާބެހޭ މާހިރުން ދަނީ މިފަދަ ހުރިހާ ރިޕޯޓްތަކެއް ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ގައުމީ ސިއްހީ ހިދުމަތް (އެންއެޗްއެސް) އޮތުމުގެ ސަބަބުން މިފަދަ ހުރިހާ މައުލޫމާތެއް އެއްތަނަކުން އެއްކޮށް މޮނިޓަރު ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، އެއްވެސް ނުރައްކަލެއް ފާހަގަވެއްޖެނަމަ އެކަން ސަރުކާރާއި އާންމުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
