ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ހުޅުމާލެ ޕެޓްރޯލް ޝެޑުގެ ހިދުމަތް ވަރަށް އަވަހަށް 24 ގަޑިއިރަށް ބަދަލުކުރަން ނިންމައިފި އެވެ.

އެފްއެސްއެމްއިން ބުނީ ހުޅުމާލެ ޕެޓްރޯލް ޝެޑުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ތާރީހެއް އެކުންފުނިން ހާމައެއް ނުކުރެ އެވެ.

އެފްއެސްއެމްގެ ޝެޑްތަކުގެ ތެރެއިން މިހާރު 24 ގަޑިއިރު އޮޕަރޭޓްކުރަމުންދަނީ މާލެ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑް އެކަންޏެވެ.

ފެޓްރޯލް ޝެޑުތަކުގެ ޖާގައިގެ މައްސަލައާ ބެހޭ ގޮތުން އެފްއެސްއެމްއިން ބުނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އެފްއެސްއެމްއިން އަލަށް ހަދާ ޝެޑް ހުޅުވުމާއިއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.

އެފްއެސްއެމްއަކީ އެސްޓީއޯއާއި ވަރަ މޯލްޑިވްސްގެ ހިއްސާދާރުންގެ މައްޗަށް 2000 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. މިކުންފުނިން އަންނަނީ މީހުން ދިރިއުޅޭ 97 އިންސައްތަ ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

ފިއުސް ސަޕްލައިސް މޯލްޑިވްސް، ވަނީ މިމަހުގެ 18 ވަނަ ދުވަހު ރީބްރޭންޑްކޮށްފަ އެވެ. 21 އަހަރަށްފަހު އެފްއެސްއެމް ރީބްރޭންޑްކުރީ ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ކަންކަން ހާސިލްކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.