ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރުގެ ގޮޑިއަށް އެދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސައިން އެ ގޮނޑި އަށް ވާދަކޮށްދެއްވަން އެ ދާއިރާގެ ބަޔަކު އެދިއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮޑި ހުސްވީ އެދާއިރާގެ މެންބަރު ހުސައިން އަވަހާރަވުމުންނެވެ.

އެދާއިރާއަށް ނަޝާ ވާދަކޮށްދިނުމަށް އެދާއިރާގެ ބަޔަކު އެދިފައިވާއިރު އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ވާދަކުރައްވާނެ ކަމެއް ކަށަވަރެއް ނޫނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ފެބުރުއަރީ 5 ގަ އެވެ. އެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން މިއަދުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑު އާއި ފޯކައިދު އަދި މަރޮށްޓެވެ.

ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް އެމްޑީޕީގެ އިތުރުން ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ. މި ދެ ޕާޓީން ވެސް ވަނީ އެ ދާއިރާގެ ޓިކެޓުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.