ކޮވިޑް-19ގައި ހާލަތު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ އެ ވެންޓިލޭޓަރުތައް މިހާރު ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. ދެން ކުރިއަށްދާނީ އެތަކެތި ކަސްޓަމްސް އިން ކްލިއާ ކުރުމުގެ މަސައްކަތެވެ.

ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމި، މިހާރު ކުރިއަށްދަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމުގެ ކަންކަން ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ގަތުމަށް އެ ކުންފުންޏާ ހަވާލުކުރުމުގައި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން ވަނީ އަމިއްލައަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފަ އެވެ. އަދި މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ވިދާޅުވީ އެކަންކޮށްފައި ވަނީ ހެޔޮނިޔަތުގައި ކަމަށެވެ.