ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅާފައި ވަނީ އެންމެ ބޭފުޅަކު ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީއިން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރުމަށްޓަކައި ކެންޑިޑޭޓެއް ހޯދުމަށްޓަކައި އެޕާޓީގައި ބޭއްވުމަށް ނިންމާފައިވާ ޕްރައިމަރީއަށް ނަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވެފައިވާ އިރު އެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ހަމައެކަނި ފަރާތަކީ ށ. ފޯކައިދޫ، ޔުނިވާސް، މުހައްމަދު ރާޝިދު ކަމަށެވެ.

އެންމެ ފަރާތަކުން ކުރިމަތިލުމުން އެމްޑީޕީގެ ޕްރައިމަރީއެއް ނުބާއްވާ އެ ފަރާތަށް ޕާޓީގެ ޓިކެޓް ދޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ރާޝިދަކީ މިދިޔަ ތިން ދައުރުގައި ވެސް ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ.

މިހާރު ހުންނަވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުއާންމުކޮށްފައިވާ ކަމަށާ މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އާއި މަރޮށިގެ ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ ގޮޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ.