ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް، ށ. ކޮމަންޑޫ އަށް އުފަން އަބްދުލް ހަންނާން އިދުރީސްއަށް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެޕާޓީން ނިންމާފައިވާއިރު، އެމްއެންޕީން ބުނީ އެ ގޮނޑިއަށް އެމްއެންޕީގެ ފަރާތުން ކުރިމަތިލާނީ ކޮން ކެނޑިޑޭޓެއްކަން ނިންމާނީ ޕްރައިމަރީން ނިކުންނަ ނަތީޖާއަކުން ކަމަށެވެ.

އެހެންނަމަވެސް ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވަނީ ހަންނާން އެކަންޏެވެ. އެއާއެކު ހަންނާނަށް އެ ޓިކެޓް ދިނުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު މިމަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

މި ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން އަންނަ ފެބްރުއަރީ 5ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 8 އިން ހަވީރު 4 އަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ ފެބްރުއަރީ 10 ވަނަ ދުވަހު ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.