ޗޮކްލެޓަކީ އަހަރުމެން ގިނަ ފަހަރަށް އަނގަ މަޖަލަކަށް ކާލާ އެއްޗެކެވެ. ފޫހިވުމުން ނުވަތަ ފިލްމެއް ބަލާއިރު ކާން އެންމެ ރަނގަޅު އެއްޗެކެވެ. އެ ކެއުމުން ހިތަށް ހިތްހަމަ ޖެހުން ގެނުވައިދޭ އެއްޗެކެވެ. ދާދި ފަހުން ހެދި ދިރާސާއެއްގައި ސައިންސްވެރިން މިވަނީ މިކަމުގެ ފަހަތުގައިވާ ސައިންޓިފިކް ހަގީގަތް ހޯދާފަ އެވެ.

ކެލިފޯނިއާގެ ލޯމާ ލިންޑާ ޔުނިވަސިޓީ އެޑްވެންޓިސްޓް ހެލްތު ސައިންސް ސެންޓަރުން ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ޗޮކްލެޓްތަކުގެ ތެރެއިން ވެސް ޑާކް ޗޮކްލެޓްގެ ފައިދާތައް ބޮޑެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ފޮނިކަން ގަދަ ޑާކް ޗޮކްލެޓްކީ ހަރާބު މޫޑަކުން، ތާޒާކަމާއި އުފާވެރި ކަމަށް މީހާ ބަދަލުކޮށްލާނެ އެއްޗެކެވެ.

ދިރާސާގައި ބުނި ގޮތުގައި ޗޮކްލެޓްގެ ފައިދާތައް ބޮޑީ އޭގައި ކަކާއޯގެ މިންވަރު މަތިވި ވަރަކަށެވެ. އެގޮތުން ޗޮކްލެޓެއްގެ 70 ޕަސެންޓަކީ ކަކާއޯ ނަމަ ފައިދާތައް ބޮޑު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. ޑާކް ޗޮކްލެޓުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ވެސް ބާރު އަޅަ އެވެ. އެގޮތުން ހަނދާން ގަދަކޮށް ދިނުމާ އެކު، ސިކުނޑީގައި އެނބުރޭ އުދާސްތަކުން މީހާ ދުރުކޮށްލަދީ، ހަމަޖެހުން ގެނުވައިދެ އެވެ.

ޑާކް ޗޮކްލެޓް ކެއުމުން ހިތުގެ ތަފާތު މައްސަލަތަކުން ވެސް ދުރުކޮށްދެ އެވެ.

ދިރާސާ ޓީމްގައި ހިމެނޭ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީގެ ކުރިން ޗޮކްލެޓާ ބެހޭ ގޮތުން ހެދި ދިރާސާތަކުން އެންމެ ބޮޑަށް ފާހަގަވެފައިވާ އެއް ކަމަކީ "ޗޮކްލެޓް ފޮނިވި ވަރަކަށް މީހާ އަށް އުފާވެރިކަން ގެނެސްދޭލެއް ބޮޑު" ވުމެވެ.

އެއާ ޚިލާފަށް މި ދިރާސާގައި ފާހަގަ ކުރެވުނު މައިގަނޑު ކަމަކީ ޗޮކްލެޓްގައި ކަކާއޯ އެކުލެވޭ މިންވަރު މަތިވި ވަރަކަށް މީހާގެ ސްޓްރެސް ލެވަލް ދަށްވާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން އަނގަ މަޖަލަކަށް ބޭނުންކުރާ ޗޮކްލެޓް އޭގެ އެންމެ ރެނގަޅު ގޮތުގައި ބޭނުން ކުރުމަށް ދިރާސާގައި އިރުޝާދު ދީފައިވެ އެވެ.