ކޭޕްޓައުން (02 ޖެނުއަރީ) ދެކުނު އެފްރިކާގެ ވެރިރަށް ކޭޕްޓައުންގައި ހުންނަ އެ ގައުމުގެ ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި އަލިފާން ރޯވެގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާ ފައިޓަރުން މަސައްކަތް ކުރަމުން ދާއިރު މުޅި އެ ސަރަހައްދުގައި ވަނީ ދުން ބޯވެފަ އެވެ. މި ހާދިސާ ސަލާމަތީ ބާރުތަކަށް ރިޕޯޓު ކޮށްފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 10:30ގަ އެވެ.

"ފުރާޅުގެ އިތުރުން ނެޝަނަލް އެސެމްބްލީ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައި. އިތުރު އެހީ ބޭނުންވާނެ،" ދަ އެސޯސިއޭޓަޑް ޕްރެސްއާ ވާހަކަ ދެއްކި ކޭޕްޓައުން އެމަޖެންސީ ސާވިސަސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އަލިފާނުގެ ސަބަބުން އިމާރާތުގައި ރެނދުލާން ފާހަގަ ކުރެވޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ފޮޓޯތަކުންނާއި ވީޑިއޯތަކުން އެ އިމާރާތުގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ މަންޒަރު ފެނެ އެވެ.

އަލިފާން ރޯވާން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަން އަދި އެނގިފައިނުވާއިރު ތަހުގީގީ ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ދެކުނު އެފްރިކާގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެ ތިން ބަޔަކަށް ބެހިފައި ވާއިރު އެންމެ ދުވަސްވީ އިމާރާތަކީ މީލާދީން 1884 ވަނަ އަހަރު އިމާރާތް ކުރެވުނު އިމާރާތެކެވެ. -- އަލް އަރަބިއްޔާ