ބެއިޖިންގް (07 ޖެނުއަރީ) - ކޮވިޑް 19ގެ ހާލަތުގެ ތެރެއިން ޗައިނާގެ ބައެއް ހޮސްޕިޓަލުތަކުން ބަލިމީހުންނަށް ފަރުވާ ނުދީ ފުރަގަސް ދެމުންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އޮމިކްރޯން ވޭރިއަންޓާއެކު ޗައިނާގައި ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު މި ހާލަތުގައި އާއްމު ރައްޔިތުންނަަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ލިބެމުން ނުދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ފިޔަވަޅުތަކާއެކު ޗައިނާއިން ފެންނަ ކޮވިޑް 19ގެ ކޭސްތައް މަދުވެފައި ވީ ނަމަވެސް އެކަމުގެ ސަބަބުން ސިއްހީ ދާއިރާ ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް މާހިރުން ބުނެ އެވެ.

އެގޮތުން 13 މިލިއަންގެ އާބާދީއެއް އޮންނަ ޒިއާން އަވަށުގައި މާބަނޑު އަންހެނަކަށް ހޮސްޕިޓަލުން ފަރުވާ ނުލިބި ދަރިފުޅު ބައިގެންދިޔަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

"އެ އަންހެން މީހާއަށް ފަރުވާއެއް ނުލިބި ހޮސްޕިޓަލުގެ ބޭރުގައި އެތައް އިރަކު މަޑުކުރި. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމާ ގުޅުންހުރި މަސްދަރަކުން ބުންޏެވެ.

ޗައިނާގެ ވައިސް ޕްރިމިއާ ސަން ޗުލާން ވިދާޅުވީ މި ހާދިސާއާ މެދު އިންތިހާއަށް ހިތާމަ ކުރާ ކަމަށާއި އެއްވެސް ރައްޔިތެއް ސިއްހީ ހިދުމަތުން މަހުރޫމް ކުރެވިގެން ނުވާނެ ކަމަށެވެ.

"ކޮވިޑް ގެ މި ހާލަތުގައި ވެސް ހުރިހާ ބަލިމީހުންނަށް އެންމެ އެކަށޭނަ ފަރުވާ ދިނުމަށް ސިއްހީ އިދާރާތަކަށް ގޮވާލަން،" ޗޫލަން ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ