އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ދެކުނު ކޮރެއާއިން ބައިވެރިނުވުމާ ގުޅިގެން، އެ ގައުމާއެކު ބާއްވާ އަސްކަރީ ތަމްރީނުތައް މަދުކުރަން ނިންމަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ދެކުނު ކޮރެއާ އާއެކު ބާއްވާ އަސްކަރީ ތަމްރީނުތައް ވަރަށް ބޮޑަށް މަދުކުރައްވާނެ ކަމަށާއި، އެއީ އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދެކުނު ކޮރެއާއަށް ދައުވަތު ދިނުމުން، އެ ގައުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ތަމްރީނުތަކަކީ ބޮޑު ހޭދައެއް ހިނގާ ކަމެއް ކަމަށާއި، އާދައިގެ މަތިން މި ހަރަދުތަކުގެ ބޮޑު ބައެއް އުފުލަނީ އެމެރިކާ އިންނެވެ. އަދި މިފަދަ ތަމްރީނުތަކަކީ ނުރަނގަޅު މެސެޖެއް ދޭ، ދުޝްމަނުކަން އުފެދޭނެ ކަމެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
މިކަމާ ގުޅިގެން ސޯލްއިން ބުނެފައިވަނީ ތަމްރީނުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އދ. އިން މަނާކޮށްފައިވާ ބެލިސްޓިކް މިސައިލްތަކެއް އުތުރު ކޮރެއާއިން މިމަހު ޓެސްޓުކޮށްފައިވީ ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ޕިޔޮންގްޔަންގުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އާދިއްތަ ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ހޯމަ ދުވަހު ތަމްރީނުތައް ފެށުމަށް ހަމަޖެހިފައި ވާތީ އެކަން ކެންސަލް ކުރުމަށް މިހާރު ވަގުތު ފާއިތުވެފައިވާ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދެކުނު ކޮރެޔާގެ ރައީސްގެ އަރިހުން އެދުމުން، އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އެމެރިކާ އާއި ދެކުނު ކޮރެޔާގެ އަސްކަރީ ވެރިން ވަނީ "އުލްޗީ ފްރީޑަމް ޝީލްޑް" ނަމަކަށް ކިޔާ ތަމްރީނުތައް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ. 11 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ދެކުނު ކޮރެޔާގެ 18,000 ސިފައިން ބައިވެރިވާނެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، ރަޝިޔާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމައަށް އެހީވުމަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވާފައިވާ މައްސަލައަށް ވެސް އަލިއަޅުވާލާފައިވެ އެވެ.
އެމެރިކާގެ އަސްކަރީ ތަރުޖަމާނު ރަޔަން ޑޮނަލްޑް ވިދާޅުވީ، ހަނގުރާމައިގެ މައިދާނުން އެނބުރި އަންނަ އުތުރު ކޮރެއާގެ ސިފައިންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ތަމްރީނުތަކުގައި ސަމާލުކަން ދެވޭނެ ކަމަށެވެ. މިހާރު ވެސް ދެކުނު ކޮރެއާގައި އެމެރިކާގެ 28,500 އެއްހާ ސިފައިން ތިބެ އެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ވަނީ މި ތަމްރީނުތަކަކީ އުދުވާނީ ހަނގުރާމައަކަށް ތައްޔާރުވުމަށް ބާއްވާ ހަރަކާތްތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ޓްރަމްޕާއި ކިމްއާ ދެމެދު ކުރިއަށްދިޔަ ސިޔާސީ މަޝްވަރާތައް ނާކާމިޔާބުވި ފަހުން، އުތުރު ކޮރެއާ އިން ދަނީ އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ވަރަށް ބާރަށް ފުޅާކުރަމުންނެވެ. ޓްރަމްޕަކީ އުތުރު ކޮރެއާއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތުގައި އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަށް ދެކުނު ކޮރެއާއިން ދެކޮޅު ހެދުމުން ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާކަން އޭނާގެ ވާހަކަތަކުން ދޭހަވެ އެވެ. ދެކުނު ކޮރެއާގެ އިތުރުން ޖަޕާން، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މި މައްސަލައިގައި ބައިވެރިވުމަށް ފަސްޖެހޭތީ ވެސް ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ކިމްއާއެކު ކުރިއަށްދިޔަ މަޝްވަރާތަކާ ގުޅިގެން ވެސް ޓްރަމްޕް ވަނީ މި ތަމްރީނުތައް މެދުކަނޑާލައްވާފަ އެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ތަމްރީނުތައް މަދުކޮށްފައިވެ އެވެ.
މިދިޔަ ހަފުތާގައި ދެކުނު ކޮރެއާގެ ރައީސް ވަނީ، 1953 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަށްފަހު ފަންނީ ގޮތުން އަދިވެސް ނިމުމަކަށް ނައިސް އޮތް ދެ ކޮރެއާގެ ހަނގުރާމަ ރަސްމީކޮށް ނިންމާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އުތުރު ކޮރެއާއަށް ހުށަހަޅުއްވާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީ އައްޔަންކުރައްވައިފި
އެންޑީއެމްއޭއަށް 13،000 އަކަފޫޓުގެ ބޮޑު ބިމެއް
ނިމިދިޔަ އަހަރުވެސް ކައްދޫ އެއާޕޯޓަށް 29.5 މިލިއަންގެ ގެއްލުމެއް
