މާލޭގައި މީހުން ދިރިއުޅޭ ސަރަހައްްދުތަކުގައި ތެޔޮ ސަޕްލައިކޮށް، ރައްކާތެރި ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

މާލެ ސިޓީގައި ހިނގާ ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމުގެ ގޮތުން ޑިފެންސް މިނިސްޓްރީން އޮގަސްޓް 12، 2012 ގައި ވަނީ "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމާ ބެހޭ" ގަވައިދެއް ގެޒެޓްކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުން މަނާ ކަމަށް ކަނޑައެޅީ އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 105 ވަނަ ޖަލްސާ އިން ކަަމަށެވެ. އެ ގަވައިދާ ހިލާފުވާ ފަރާތްތަަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން މިގޮތަށް އަންގާފައި މިވަނީ މިދިޔަ ހަފުތާގައި މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. ހެންވޭރުގައި ހުންނަ ކެފޭއެއްގައި ރޯވި އަލިފާން ގަނޑު ފެތުރި، ކައިރީގައި ޖެހިގެން ހުރި އިމާރާތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފު ނުވާ އިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި މިދިޔަ އަހަރު ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެއީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.