ޑްރައިވިންގް ސްކޫލަށް ގޮސްގެން ނޫނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުލިބޭ ގޮތަށް ހަދައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާންމުކޮށްފައިވާ ގަވާއިދުގައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް ހަމަޖައްސާފަ އެވެ.

އެ ގަވާއިދުގައި އިތުރަށް ބުނެފައިވަނީ، ދުއްވަން ދަސްކުރާ މީހުން އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ގަވާއިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރާއިރު އެކި ބާވަތުގެ އުޅަނދުތައް ދުއްވަންޖެހޭ މުއްދަތު ތަފާތެވެ. އެގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ. އަދި އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް ވެސް އެ މިނިސްޓްރީގެ އާ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ގަވައިދުގައި ބުނެފައިވަނީ، ޑްރައިވިން ސުކޫލަކަށް ކޮންމެ ކެޓެގަރީއަކަށް ނެގޭނީ އެންމެ ބޮޑުވެގެން 1500 ރުފިޔާ ކަމަށާއި، މި އަގަށް ވުރެ ބޮޑު ކޮށް ނަގާނަމަ އެ ސުކޫލެއްގެ ހުއްދަ ބާތިލް ކުރެވޭނެ ކަމަށެވެ.

އަދި ޑްރައިވިން ސުކޫލް ތަކުގެ އިންސްޓަރްކްޓަރުންނަކީ މިކަމަށް ހާއްސަކޮށް ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމަށް ވާން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން އާއްމު ކުރި ގަވައިދުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން ލައިންސަންސް ނެގޭ ގޮތަށް އޮންނަނީ ދުއްވަން އެނގޭނަމަ، ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ތިއަރީ ޓެސްޓާއި، ޑްރައިވިންގް ޓެސްޓު ފުރިހަމަ ވުމުންނެވެ.

އެހެން ނަމަވެސް މިއަދު އާންމުކޮށްފައިވާ ގަވައިދުން މިކަން ހުއްޓިގެންދާނެ އެވެ.