ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު އަލުން އެއްބަސްވުމެއް ގާއިމް ކުރަންޖެހުނީ ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ދޭން ޖެހިދާނެތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގައި ފްލެޓް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެގޮތުން ޓާޓާއެކުވި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮށި އާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅާފައި ވެއެވެ. އޯޑިއޯން އާއި ނާދީ ހުރި ބިން އޭގެ ބަދަލެއްގެ ގޮތުން ދިނީ ފެންވަރުގެ ފްލެޓް އަޅައި ވިއްކާ ގޮތަށެވެ.

މީގެ އިތުރުން އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހެދުމަށް ޅ. ޅޮއްސަލަފުށި ވެސް ޓާޓާއަށް ދީނެވެ. އެގްރިމެންޓުގައި ވާ ގޮތަށް މަސައްކަތް ކުރިޔަށް ނުގެންދެވޭކަމަށް ބުނެ 2017 ގައި ރައީސް ޔާމީން އެ އެއްބަސްވުން ވެސް ބާތިލު ކުރެއްވި އެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ޅޮއްސަލަފުށި ދޭގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ ރަށުގައި ލަގްޒަރީ ވިލާތަކެއް އަޅަން ބިން ދޫކުރާ ގޮތަށް ހަދާފައިވާ ކަމަށެވެ. ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 09 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޓާޓާ ކުންފުންޏަށް ބިމެއް ދޫކޮށްފައިވާކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ، ދެވަނަ ފިޔަވަހީގެ ދަށުން ކަންގަވާލް 18 އެސްޖީ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވުނު 150 ފްލެޓް އަދި 15 ލަގްޒަރީވިލާސް ފައިނޭންސްކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް ވަކި އެއްބަސްވުމެއްގައި ސޮއި ކުރީ 2015 މާޗު 19 ގައި ކަމަށެވެ. އަދި ސެންޑަލް މޮރިސަސްއިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއް ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓްގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރި މަސައްކަތުގެ ތެރެއިން މއ. ވޭސައިޑް އަދި ގާކޮށީގައި އިމާރާތް ކުރަންޖެހޭ 288 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، 19 އޭޕްރީލް 2016 ގައި ނިންމައި ހަވާލުކުރި ކަމަށާއި، ނަމަވެސް، އޯޑިއޯން އާއި ނާދީ ބިމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ، ހައުސިން މިނިސްޓްރީން 7 އޭޕްރީލް 2015 ގައި ނޯޓިސް އޮފް ޑިސްސެޓިސްފެކްޝަން އެޕެކްސްއަށް ފޮނުވި ކަމަށް މިނިސްޓްރީން ބުންޏެވެ. ނޯޓިސް ފޮނުވުމުން ވެސް އެއާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ، އޭގެ ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 22 ގައި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓުރެކްޓް އެޕެކްސްއަށް ފޮނުވިކަން ޕްލޭނިންއިން ފާހަގަ ކުރި އެވެ. އަދި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓުރެކްޓްގައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، ނޯޓިސް އޮފް ޓާމިނޭޝަން ފޮނުވީ ޕްލޭނިންގެ ބަޔާނުގައި ވާ ގޮތުގައި 27 އޭޕްރިލް 2017 ގަ އެވެ.

އެ ކުންފުނިން އެދުނީ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ، މިނިސްޓްރީން ދީފައިވާ ނޯޓިސްތަކާއި އަދި ޓާމިނޭޝަންއަކީ ގާނޫނީ ހިލާފު އެންގުންތަކެެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމުގެ އަމުރެއް ނުނެރެވޭނަމަ، ކުންފުނިން ހުށަހެޅީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނަށް ހިނގާ އެންމެހައި ހަރަދުތައް ނަގައިދިނުމަށެވެ.

މައްސަލަ ހައްލު ކުރަން ވާހަކަ ދެއްކުމަށް 2018 ގައި އެއްބަސްވެ، ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްގީ ކުރުމަށް އެޕެކްސްއަށް ދިނުމަށާއި އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ހުރި ބިން ތަރައްގީކުރުމަށް އެޕެކްސްއަށް ދިނުމަށާއި، އެ ކުންފުންޏަށް ލަގްޒަރީ ވިލާ އެޅުމަށް ދީފައިވާ ޅ. ޅޮއްސަލަފުށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުމަށް އެޕެކްސްއަށް ދިނުމަށް އެމްއޯޔޫއެއްގައި ސޮއި ކުރި އެވެ.

އެ ސިޓީގެ މައްސަލައިގައި ދެބަސްވުންތައް ހައްލު ކުރުމަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ނޯޓިސް ބާތިލު ކުރުމަށް 7 ޖޫން 2017 ގައި އިންޑިޔާގެ އާބިޓޭޝަނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެޕެކްސްއިން ފެށި ކަމަށާއި އަދި އެ މައްސަލައިގެ ތެރެއިން، އެޕެކްސްއިން ނެރެދޭން އެދުނު ވަގުތީ އަމުރާ އެއްގޮތަށް، އެއްބަސްވުން ބާތިލު ކުރުމަށް ސަރުކާރުން އެ ކުންފުންޏަށް ދީފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކުރުމަށާއި، އޯޑިއޯން އާއި ނާދީ ބިމުގައި ޢިމާރާތްކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދިނުމަށް ޓްރައިބިއުނަލުން ވަނީ ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރުނު ކަމަށް ޕްލޭނިންއިން ބުންޏެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ ސަރުކާރު ބަދަލުވެ، އަލުން ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް 2019 ގައި ދައުލަތުގެ ފަރާތުން އެޕެކްސްއާއި މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެފައިވަނީ 26 މެއި 2010 ގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިމާއި އޯޑިއޯން ބިން ތަރައްގީ ކުރުމަށް އެޕެކްސްއަށް ދިނުމަށާއި ޅ. ޅޮއްސަލަފުށި ރިސޯޓަކަށް ބަދަލު ނުކޮށް ލަގްޒަރީ ވިލާ ތަރައްގީ ކުރުމަށް ޅޮއްސަލަފުށިން ބިމެއް ދޫކުރުމަށް ކަމަށެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރާ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 9 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޓާޓާ މައްސަލައިގައި އިދިކޮޅުގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.