ކޮވިޑަށް މިއަދު ޓެސްޓްކުރި 5،061 ސާޕަލްގެ ތެރެއިން 1،209 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޓެސްޓްކުރި 5،061 ސާމްޕަލްގެ ތެރެއިން 1،209 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 103،581 އަރާފަ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 575 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 408 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަދި ރިސޯޓްތަކުން 155 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 5،975 މީހުންނެވެ. މިހާތަނަށް 97،328 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 26 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 265 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.