މި ސަރުކާރުން ރާއްޖެ ނޯތު ކޮރެއާގެ ހާލަތަށް ވައްޓާލާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު އުފުލެމުން ދަނީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ އަގުތައް ހަބަރުގެ ގޮތުގައި ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެން، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނަކަށް ތަބާނުވުމަށް އޭނާ ގޮވާލެއްވި އެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކުރުން މަނާކުރުމަށެވެ. އެ މައުލޫމާތު އާންމުކުރާ ގާނޫނީ ޝަހުސުތަކާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް 100،000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން ރަސްމީ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ މުއާމަލާތްތައް އިޝްތިހާރުކުރުން މަނާކޮށް، އެފަދަ ކަންކަމަށް 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކައިފިނަމަ 25،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ މާއްދާއެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

މި އިސްލާހުތައް ކޮމިޓީން ފާސްކުރިއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.85 ލާރިއަށް އުފުލިފަ އެވެ. މިއީ މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ 48 އިންސައްތަ މަތީ އަދަދެކެވެ.

ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އާ ސިޔާސަތުތަކެއް ތައާރަފު ކޮށްފައިވީ ނަމަވެސް، ބާޒާރުގައި ޑޮލަރުގެ އަގު ދަނީ އިތުރަށް އުފުލެމުންނެވެ. ސަރުކާރުން ބުނަމުން ދަނީ ބާޒާރުގައި އަގުތައް މައްޗަށް ދަނީ ދެ ނޫހެއްގައި ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށެވެ.