ދެ ސްޓޭޓެއްގެ ވޯޓު ގުނުން ހުއްޓުވަން ރައީސް ޑޮނަލްޑް ޓްރަމްޕް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމަވައިފި އެވެ.

ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ހުށަހަޅުއްވަން ނިންމާފައި ވަނީ މިޝިގަން އާއި ޕެންސިލްވޭނިއާގެ ވޯޓެވެ. މީގެ ތެރެއިން ޕެންސިލްވޭނިއާގެ ވޯޓުގެ ކުރީގައި ޓްރަމްޕް އުޅުއްވާއިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ މިޝިގަން ކާމިޔާބު ކުރައްވައިފަ އެވެ.

ޓްރަމްޕްގެ ކެމްޕޭން ޓީމުން ވަނީ ޖޯޖިއާގެ ވޯޓު ގުނުން ހުއްޓުވުމަށް މައްސަލައެއް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މިއިން އެއްވެސް ތަނެއް ވޯޓު ގުނުން ކޯޓުން ހުއްޓުވާފައެއް ނުވެ އެވެ. ޖޯޖިއާ 98 ޕަސެންޓް ވޯޓު ގުނައި ނިމުނުއިރު 2.42 މިލިއަން ވޯޓާއެކު ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. ބައިޑެން ލިބިވަޑައިގެންނެވީ 2.38 މިލިއަން ވޯޓެވެ.

ފޮކްސް ނިއުސްގެ ނަތީޖާ ދައްކާ ގޮތުން ޕެންސިލްވޭނިއާގެ 87 ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު ޓްރަމްޕް ވަނީ 3.14 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. އަދި ބައިޑެން ވަނީ 2.97 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. އެހެންވެ ބާކީ ހުރި ވޯޓުތައް ގުނާ ނިމޭއިރު ބައިޑެން ކުރި ހޯއްދަވާފާނެ ކަމަށް ބެލެވެ އެވެ. މިއީ 20 އިލެކްޓޯރަލް ވޯޓު ހިމެނޭ ސްޓޭޓެކެވެ.

މިޝިގަންގެ އިންތިހާބުގެ 99 ޕަސެންޓް ވޯޓު ވަނީ ގުނާ ނިމިފަ އެވެ. މި ސްޓޭޓްގެ ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. އެއީ 2.75 މިލިއަން ވޯޓެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 2.63 މިލިއަން ވޯޓެވެ.

ޕެންސިލްވޭނިއާގެ ޓްރަމްޕް ކެމްޕޭން ޓީމުން ބުނީ ހުއްޓުވަން ނިންމާފައި ވަނީ މެއިލް- އިން ވޯޓު ގުނުން ކަމަށެވެ.