ވޮޝިންޓަން (25 ޖެނުއަރީ) - ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާއެއް ދީފިނަމަ ރަޝިއާގެ ރައީސް ވްލަމިދިރު ޕުޓިންއަށް ސީދާ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އިންޓަވިއުއެއްގައި ޕުޓިންއާ ދެކޮޅަށް ޒާތީ ދަތިކުރުމުގެ ފިޔަވަޅެއް އެމެރިކާއިން އަޅާފާނެތޯ ސުވާލު ކުރެވެމުން ބައިޑަން ވިދާޅުވީ ޔޫކްރެއިންއަށް ހަމަލާއެއް ކުރިމަތިވެއްޖެނަމަ އެއީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.

ބައިޑަން އިތުރަށް ވިދާޅުވީ އެމެރިކާގެ 8،500 އަށްވުރެ ގިނަ ސިފައިން އެލާޓަށް ގެނެވިފައި ކަމަށާއި ނަމަވެސް އަދި އެއްވެސް ޓީމެއް ޔޫކްރެއިންއަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

އެމެރިކާއަކީ އެހެން ގައުމުތަކުގެ ރައީސުންނަށް ދަތިކުރުމުގެ ފިޔަވަޅު ވަރަށް މަދުން އަޅާ ގައުމެކެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި އެ ގައުމުން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ބައިޑަން ވަނީ ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާއެއް ދީފިނަމަ އޭގެ ހިތި ނަތީޖާ ޕުޓިންއަށް ފެންނާނެ ކަމަށް މީގެ ކުރިން ވެސް އިންޒާރު ދީފަ އެވެ.

ޔޫކްރެއިންއާއި ރަޝިއާގެ ކޯޅުން ހޫނުވެފައި ވާއިރު ރަޝިއާގެ އަސްކަރީ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. -- އަލް އަރަބިއްޔާ