ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑި އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ބޮޑުތަކުން ކާމިޔާބުކުރާކަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ގެ ހިސާބުތަކުން ދައްކާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ހިސާބުން ކޮމަންޑޫ ދާއިރާ ބޮޑުތަނުން ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމް އެބަ ކާމިޔާބު ކުރާކަމަށެވެ. އަދި ޝިޔާމް ވަނީ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓުލުމަށް ވެސް އެދިފަ އެވެ.

މީގެ ކުރިން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން އިންތިހާބުވާނެކަން ކަށަވަރުކުރައްވައި އަދުރޭ ވިދާޅުވި ހިސާބަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަދުރޭއަށް ފުރައްސާރަ ކޮށްފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. އަދި އެ ގޮނޑިއަށް މެމްބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މި ހަފްތާގައި ބާއްވަން ހަމަޖެހިފައިވާއިރު، ވެރިކަން ކުރާ ޕާޓީ، އެމްޑީޕީންނާއި، ޕީޕީއެމްގެ އިތުރުން، މިދިޔަ އަހަރު އަލަށް އުފެއްދި ޕާޓީ އެމްއެންޕީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.