ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމާއި އެ ދާއިރާގެ މަޖިލިސް އިންތިހާބާ ދިމާވީ އިއްތިފާގަކުން ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުލުމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ގެނައި ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކަން ނުކުރެވުނީ ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުން ކަމަށެވެ.

ދެ ކޮމަންޑޫ ގުޅައިލުމަކީ އެއްވެސް ހާލެއްގައި އިންތިހާބާ ދިމާކޮށް ތާއީދު ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށާއި މަޝްރޫއު އިންތިހާބާ ދިމާވީ އިއްތިފާގަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅާލާނެކަން އިއުލާނުކޮށް މަޝްރޫއު ފެށީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. ރައީސް ވިދާޅުވީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ސިފަކުރި ނަމަވެސް މިކަން ކުރައްވާނެ ކަމަށެވެ.

ކުރިން ބަޖެޓުކޮށްފައި ވެސް ނުވާ އެ މަޝްރޫއަށް، ބަޖެޓުން ބޭރުން 249 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ ކޮމަންޑޫ ގުޅައިލަން މިދިޔަ މަހު ކުރީކޮޅު އެމްޓީސީސީއާ ހަވާލުކުރީ އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެންނެވި މަހާޖައްރާފުވެސް މިހާރުވަނީ އެސަރަހައްދަށް ގެންގޮސްފަ އެވެ. އަދި މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުވެސް ހަދާ ނިންމާފައިވަނީ އެންމެ ދެ ދުވަހުންނެވެ.