ބަރުދަން ލުއި ކުރުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ވެސް އޭގެ އެދެވޭ ނަތީޖާއެއް ނުފެނި މާޔޫސްވާން ޖެހޭ ފަހަރު ފަހަރު އާދެ އެވެ. މިކަމުގެ ފަހަތުގައި ވަނީ ތިމާގެ ނިދުން ބައްޓަން ކުރާ ގޮތްކަމަށް ވުން ވެސް ހަމަ ގާތެވެ. ނިދުމުގެ ކުރިން އެ ކުރެވޭ ވަރަށް އާދައިގެ ކަންކަމުގެ ސަބަބުން، ތި ކުރާ މަސައްކަތްތައް ފެނަށް ދިއުމަށް މަގުފަހި ވެސް ވެދާނެ އެވެ.

ދާދި ފަހުން ހެދި ދިރާސާއެއްގައި ބަރުދަން ލުއި ކުރަން މަސައްކަތް ކުރާނަމަ ގެންގުޅެން ޖެހޭ ނިދުމުގެ އާދަތައް ވަނީ ހާމަ ކޮށްފަ އެވެ.

ފުރަތަމަ ކަމަކަށް ނިދިހަމަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި ރޭގަނޑު ލަހުން ނިދާފައި، ފަތިހު އަވަހަށް ހޭލާ، ކަސްރަތު ކުރިޔަސް އޭގެ ފައިދާއެއް ނުކުރާނެކަމަށާއި އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ، ރޭގަނޑު އަވަހަށް ނިދައި ފަތިހު ފަތިހާ ތެދުވެ ކަސްރަތު ކުރުން ކަމަށް ވެސް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

އެއާއެކު ދެން ދިރާސާގައި ފާހަގަ ކޮށްފައިވަނީ ރޭގަނޑު ނުކައި ނިދުމެވެ. މިއީ ވަރަށް ގިނަ ބައެއްގެ އާދައެއް ވެސްމެ އެވެ. ނުކައި ނިދުމަކީ އިތުރަށް މީހާ ވަރުބަލިކޮށް ހަކަތަ ނެތިކުރުވާނެ ކަމެއް ކަމަށާއި ކުޑަކޮށް ނަމަވެސް ޕޮރޮޓީން ހިމެނޭ ބާވަތެއްގެ އެއްޗެއް ކައިގެން ނިދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދިރާސާގައި ލަފާ ދީފައިވާއިރު ކައި ނިމޭ ގޮތަށް ނިދުމުގެ ބަދަލުގައި، ކައި ނިމުމަށްފަހު ގާތްގަނޑަކަށް ތިރީހަކަށް މިނެޓް މަޑުކޮށްލަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއާއެކު ނިދަން ގާތްވުމުން ފޯން ފަދަ އިލެކްޓިކަލް ޑިވައިސް ތަކާއި ދުރުވުމަށް ދިރާސާގައި ބުނެފައިވެ އެވެ. އެއީ އެއިން އެޅޭ އައްޔެއްގެ ސަބަބުން ސިކުނޑިއަށް އަރާމު ލިބުމަށް ހުރަސް އެޅި ނިދުމަށް ދަތިވާތީ އެވެ.