ކޮމަންޑޫ ދާއިރާގެ އިންތިހާބު ނިމުނުތާ 24 ގަޑިއިރުވެސް ނުވަނީސް އެމްޑީޕީގެ އެކްޓިވިސްޓުންނަށް ފެނަކައިގެ އޮޕްރޭޝަންސް ހެޑް ޒާހިރު އުސްމާން ގޯސްވެއްޖެ އެވެ،

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގޮވަމުންދަނީ ޒާހިރަކީ މުވައްޒަފުންނަށް ބިރު ދައްކާ މީހެއް ކަމަށާއި އޭނާ ވަކިކުރަން ޖެހޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާ ބައްދަލުކޮށް ވާހަކަ ދައްކާ އޯޑިއޯއެއް މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލައިފަ އެވެ. އެ އޯޑިއޯގައި އޭނާ ބުނާ ގޮތުން ފެނަކައިގެ އެމްޑީ އަށް އެއްބާރުލުން ދޭ ކަމަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދީގެންނެވެ. ރާޝިދަށް ވޯޓު ދޭން ބޭނުން ނުވާ މީހުންނަށް އޮތް ގޮތަކީ އޭނާގެ އަތަށް އެ މީހެއްގެ އައިޑީ ކާޑު ދިނުމަށް ފަހު، ވޯޓުލާން ނުދިއުން ކަމަށާއި އެ ތަނުގައި ދައްކާ ވާހަކަތައް ބޭރު ކޮށްފި ނަމަ "ކަނޑައި ވައްޓާލާނެ" ކަމަށް ބުނެ ވެސް އެ އޯޑިއޯގައި އިންޒާރު ދީފައިވެ އެވެ.

މި އޯޑިއޯ ލީކުވެ އެތައްބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔަ އިރުވެސް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެކަމާ އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އެމްޑީޕީއަށް ސަޕޯޓުކުރާ ބައެއް މީހުން ދެކުނީ އެއީ އިދިކޮޅުން ކުޅުނު ޑްރާމާއެއް ކަމަށާއި ބުނަމުންދިޔައީ އެއީ ދޮގެއް ކަމަށެވެ. ނަމަވެސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރިކަން ހާމަވުމާއެކު ބައެއް އެކްޓިވިސްޓުންގެ ރާގު ބަދަލުވެ ޒާހިރު ވަކިކުރުމަށް ގޮވާލަން ފެށިއެވެ.

ބައެއް އެކްޓިވިސްޓުން ބުނަމުންދިޔައީ ޒާހިރުއަކީ ބޯވައެއް ކަމަށެވެ. އެގޮތުން އޭނާއަކީ ޕީޕީއެމްގެ މީހެއް ކަމަށްވެސް ބުނަމުންދެ އެވެ.

ޒާހިރު އަކީ ފެނަކައިގެ އޮޕަރޭޝަންސް މެނޭޖަރގެ މަގާމްގައި ހުރި ބޭފުޅެކެވެ. ކޮމަންޑޫ ދާއިރާގެ ފެނަކަކައިގެ ބައެއް މުވައްޒަފުން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ގޮތުގައި ޒާހިރު ދާއިރާއަށް ދިޔައީ ކުންފުނީގެ ޕެޓީ ކޭޝް ގެ ގޮތުގައި ކަމަށް ބުނެ ފަސްލައްކަ ރުފިޔާ ހިފައިގެންނެވެ. އަދި ވަކި ވަކިން މުވައްޒަފުން ހާޒިރުކޮށް އެމްޑީޕީއަށް ވޯޓު ލުމަށާއި ރާޝިދު ދެކެ ހިތްހަމަ ނުޖެހުނަސް ކުންފުނީގެ އެމްޑީ ބުނާ ގޮތަކަށް ވޯޓުލާން ޖެހޭނެ ކަމަށްބުނެ ވަޒީފާގެ ބިރު ދެއްކި އެވެ. ބައެއް މުވައްޒަފުންވަނީ ފާޅުގައި އެކަމަށް ދެކޮޅު ހަދާފަ އެވެ.

މިހާ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ގޮސް ފެނަކަ މުވައްޒަފުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެވޭނީ ކުންފުންޏާއި ސަރުކާރުންވެސް އެކަމުގައި ހިއްސާއޮވެގެންނެވެ. ނޫންނަމަ މިފަދަ އަމަލެއް ނުހިންގޭނެ ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ނިމުމުން ޒާހިރު ކުއްލި އަކަށް ގޯސްވީ އެވެ. މުޅި ދައުލަތް ގުޅިގެން ހިންގި މި ޖަރީމާގައި ހަމައެކަނި ޒާހިރު ކަތިލުމަކީ އިންސާފެއް ނޫނެވެ.