ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ރޭ ދަންވަރު އަވަހާރަވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގަ އާއި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ހުސެއިން މުހައްމަދު 71 އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު ރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކަމަށް އާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އއ. ފެރިދުއަށް އުފަން ހުސެއިން މުހައްމަދު ވަނީ ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަގާމު ނުވަތަ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން އާފަތިސް ނޫހުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވައިފަ އެވެ. ހުސެއިން މުހައްމަދަކީ ބޭރު ޚަބަރުތައް ދިރާސާކުރައްވައި ތަރުޖަމާކުރެއްވި މޮޅު ލިޔުންތެރިއެކެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުގެ ބޭރު ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކާ ހަމަޔަށް ކުރެއްވި އެވެ. އަދި އާފަތިސް ނޫހުގައި ވެސް ބޭރު ޚަބަރު ލިޔުއްވުމުގެ މަސައްކަތް އެ ދުވަސްވަރު ކުރެއްވި އެވެ.

ރާއްޖޭގެ ނޫސްތަކަށް ބޭރުގެ ކުޅިވަރު ޚަބަރުތައް ތައާރަފްކުރެއްވީ ވެސް ހުސެއިން މުހައްމަދެވެ. އެގޮތުން "ބޭރު ދުނިޔެއިން ކުޅިވަރު" އާފަތިސް ނޫހަށް ތައާރަފްކުރެއްވީ ވެސް އޭނަ އެވެ.

ހުސެއިން މުހައްމަދު ވަނީ ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އެކި މަގާމުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

މަޖިލީހުގެ މިދިޔަ ދައުރުގައި ހުސެއިން މުހައްމަދާއެކު މަސައްކަތްކުރެއްވި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ހުސެއިން އަކީ މަޖިލީހުގައި ވާހަކަދައްކަވާއިރު ވަރަށް ބޮޑަށް ދިރާސާ ކުރައްވައިގެން ވާހަކަދައްކަވާ ބޭފުޅެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑަށް 10 އަހަރު ހުސެއިން މުހައްމަދާއެކު މަސައްކަތްކުރެވުނު. އެއްވެސް ބިލަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަވާނެ ދިރާސާއެއް ނުކުރައްވައި،" ނިހާން ވިދާޅުވި އެވެ.

2005 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރެއްވި ހުސެއިން މުހައްމަދު ވަނީ ސިޔާސީ ޕާޓީ އުފެދުމުން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ. އެންމެ ފަހުން ހުންނެވީ ވަނީ ޖޭޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ.