ހެނދުނު ހޭލާއިރު އަނގައިން ދުވާ ނުބައި ވަހަކީ އަޅުގަނޑުމެން ތެރެއިން ގިނަ ބައެއް ތަޖުރިބާ ކުރާ ކަމެކެވެ. މިއީ ގިނަފަހަރު އަޅުގަނޑުމެންގެ އާދަތައް ބެހެއްޓޭ ގޮތުން ކުރިމަތިވާ ކަމެކެވެ.
ދަތް ނުއުނގުޅުމާއި ފްލޮސް ނުކުރުމަކީ އަނގައިން ނުބައި ވަސް ދުވުމަށް ދިމާވާ އެންމެ އާންމު ސަބަބެވެ. މީގެ އިތުރުން ވެސް ދަތްތަކާއި އަނގައަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ވެސް މިކަން ދިމާވެ އެވެ.
އަނގަ ހިކިވުމަކީ އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ އެއް ކަމެވެ. ކުޅަކީ އަނގައިން ނުބައި ވަސް ދުވުމަށް މަގުފަހިކުރުވާ ޖަރާސީމު ނައްތާލާން އެހީތެރިވާ މާއްދާއަކަށް ވީއިރު ނިދާ ގަޑީގައި އަނގައިގައި ކުޅު މަދުވިވަރަކަށް ހޭލާއިރު އަނގައިން ނުބައި ވަސް ދުވުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.
ކެއުމުގައި ބޭނުން ކުރެވޭ ބާވަތްތަކަކީ ވެސް އަނގައިގެ ވަހަށް އަސަރުކުރުވާ ތަކެއްޗަށްވީއިރު ސިއްހީގޮތުން ހަށިގަނޑަށް ފައިދާ ލިއްބައިދޭ ލޮނުމެދާއި ފިޔައިގެ ސަބަބުންވެސް އަނގައިގެ ވަހަށް ބަދަލު އާދެ އެވެ.
މައުތު ވޮޝްއަކީ އެ ބޭނުންކުރުމުން ކުޑަ އިރުކޮޅަކަށް ނަމަވެސް އަނގައަށް ތާޒާކަމެއް އިހްސާސްކުރެވުނު ކަމުގައިވިޔަސް އަނގަ ހިކުމަށް މެދުވެރިކުރުވާ އެއްޗެކެވެ. ގިނަ މައުތު ވޮޝްތަކުގައި އަލްކޮހޮލް އެކުލެވުމުން އަނގައިގެ ކުޅު އުފައްދައިދޭ މިންވަރަށް އަސަރު ކުރެ އެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުގައި އަނގައިގައި ކުޅު އުފައްދާ މިންވަރު މަދުވުމުން ދަތާއި ހިރުގަނޑުގައި މަރުވެފައިވާ ސެލްތައް ޖަމާވެ ނައްތާ ނުލެވި ހެނދުނު އަނގައިން ނުބައި ވަސް ދުވަ އެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ އާދައެއް ކަމަށްވާ ނިދާއިރު އަނގަ ހޮޅުވައިގެން ނިދުމުގެ ސަބަބުން އަނގައިތެރެ ހިކިވެ ޖަރާސީމު ހަރުލަން ފަސޭހަވެ އެވެ. ހަމައެއާއެކު އަނގައިން ނޭވާ ލުމުން ނުބައިވަސް ދުވުމުގެ އިތުރުން ދަތް ފަނިކެއުމާއި ހިރުގަނޑުން ލޭއައުން ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިކުރުވަ އެވެ.
އެހެންކަމުން އަނގައިން ނުބައި ވަސް ދުވާ ސަބަބު ހޯދައި އެކަންކަން ރަނގަޅު ކުރުމަކީ ރަނގަޅު ސިއްހަތަކަށް ކުރެވޭނެ މުހިއްމު ކަމެކެވެ.