ހޫނު މޫސުމާ ދިމާކޮށް ކަރަންޓު އިގްތިސާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ "ސޭވް އެނާޖީ" ކެމްޕޭން މިއަހަރު ވެސް ކުރިޔަށް ގެންދާ ގޮތަށް ސްޓެލްކޯ އިން ނިންމައިފި އެވެ.

މިއީ "ސޭވް އެނަޖީ" ކެމްޕެއިން އެ ކުންފުނިން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ކަރަންޓު ލޯޑު ކުޑަކޮށް، އިގްތިސާދު ކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް ސްޓެލްކޯއިން ވަނީ ގިނަ ކަންތައްތަކެއް ރާވާފަ އެވެ.

ސޭވް އެނާޖީ ކެމްޕޭނާ ބެހޭ ގޮތުން ނޫސްވެރިންނާ މިއަދު ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ކެމްޕެއިނާއެކު ވޭތުވެ ދިޔަ ދެ އަހަރު ކަރަންޓާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް މަދުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލްވުމާއި އަދި އިގްތިސާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް 15 ޕަސެންޓް ވެސް ކުޑަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޫނު މޫސުމުގެ ދުވަސްވަރާ ދިމާކޮށް ހިންގާ "ސޭވް އެނާޖީ" ކެމްޕޭނާ ބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިގްތިސާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެން ގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވި އެވެ.

"ބޭނުންނުކުރާ ވަގުތުގައި ކަރަންޓު ސާމާނު ޖައްސާފައި ބެހެއްޓުމުގެ ސަބަބުން ހަގީގަތުގައި މިދަނީ ބޭކާރު ފައިސާ ޚަރަދުވެގެން. އަޅުގަނޑުމެން ބިލް ކުރާކަށް ބޭނުމެއް ނުވޭ އެ މީހަކު ބޭނުން ނުކުރާ ކަރަންޓަކަށް. ހަގީގަތުގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލްކަންދޭ ނަމަ 15 ޕަސެންޓާއި 20 ޕަސެންޓަށް ވެސް ބިލް ކުޑަކުރެވިފަ އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއިން ބޭނުންވަނީ ކަރަންޓު ބިލު ބޮޑުކޮށް ރައްޔިތުން އަތުން އިތުރު ފައިސާތަކެއް ހޯދުމަށް ނޫން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކަރަންޓު ސޭވް ކުރާނެ ގޮތް ރައްޔިތުންނަށް ކިޔައީ ބިލު ކުޑަކުރުމަށް އަހުލުވެރިކުރުން ކަމަށެވެ.

މި ކެމްޕޭނާއެކު ސްޓެލްކޯއިން ވަނީ ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށް ވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.