ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހެދުމަށް ސަރުކާރުން އިއުލާނުކޮށްފައިވަނިކޮށް ރިސޯޓު ހެދުން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ.
ކޮމަންޑޫ ކައިރީގައި އޮންނަ މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ސަރުކާރުން އިއުލާން ކުރީ, މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ތިން ރަށުގެ ޖުމުލަ ބޮޑުމިނުގައި 19 ހެކްޓަރު ހުންނަ އިރު، އެރަށްތައް ދޫކުރަން ހަމަޖައްސާފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ޑޮލަރެވެ.
ސިވިލް ކޯޓުން އެ ތިން ރަށް ކުއްޔަށް ދިނުން ހުއްޓުވީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ, އެ ކުންފުންޏަށް އެ ތިން ރަށް ދޭން ސަރުކާރުން އެ ކުންފުންޏާ އެކު މަޝްވަރާ ކޮށްފައިވާ އިރު، އެ މައްސަލައިގައި ގޮތެއް ނިމެންދެން އެހެން ފަރާތަކަށް އެ ތިން ރަށް ނުދެވޭނެ ފަދަ ފިޔަވަޅެއް ކޯޓުން އަޅަން ޖެހޭ ކަމަށެވެ.
އެހެންކަމުން ށ. މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހެޅުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށް އަމުރުގައިވެ އެވެ.
ޕްރިމިއާ އީކުއޭޓާ ކުންފުނިން ދައުވާކުރަނީ އެ ތިން ރަށަކީ، ސަރުކާރުން ކުރިން އެ ކުންފުންޏާ އެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން، އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށް ބުނެ އެވެ.
ޕްރިމިއާ އިކުއިޓީ ކުންފުނިން ކުރާ ދައުވާގައިވާ ގޮތުން އެ ތިން ރަށް އެ ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވެފައި އޮތީ 2008 ވަނަ އަހަރު ލ. ބޮޑުފިނޮޅު އަދި ލ. ގަސްފިނޮޅުގައި ރިސޯޓް ހަދަން އެ ކުންފުންޏަށް ދީފައި ވިޔަސް، އެ ތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެތަނުގެ ބަދަލެއްގެ ގޮތުގަ އެވެ.